01 Dec 2010, 13:20
ސޯމާލިޔާގެ ކަނޑުފޭރޭ މީހުންގެ ނުރައްކާ އިންޑިޔާ ކަނޑަށް ފެތުރި ރާއްޖެއަށް ފޯރާފައިވާތީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީން ބުނެފި އެވެ.
ސަލާމަތީ ހިދުމަތްކާބެހޭ ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ސޮއިކުރައްވައި މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ އިންޑިޔާ ކަނޑަށް ފެތުރި ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުގެ ތެރެއަށް ސޯމާލިޔާގެ ކަނޑުފޭރޭ މީހުން ވަދެ ރައްޔިތުންގެ ފުރާނަ އާއި މުދަލަށް ގެއްލުމެއް ލިބުމަކީ އެ ކޮމޓީން ވަރަށް ކަންބޮޑުވާނެ ކަމެއް ކަމަށާއި ކޮމެޓީގެ މެންބަރުން އެއްވެސް މާނައެއްގައި އެފަދަ ކަމެއް ގަބޫލު ނުކުރާނެ ކަމަށެވެ.
ސަލާމަތީ ކަންކަމުގައި އެ ކޮމެޓީއަށް ދިމާވެފައިވާ ހުރަސްތަކުގެ މައްޗަށް ވެސް އެ ބަޔާނުގައި އަލި އަޅުވައިލާފައިވެއެވެ.
"... މިކޮމެޓީގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށްޓަކައި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ނުވަ ވަނަ ބާބުގެ ދަށުން އުފެދިފައިވާ ސިފައިންނާއި ފުލުހުންގެ ހިދުމަތުން މި ކޮމެޓީއަށް އެއްބާރުލުން ނުދެއްވާ ނުދެއްވުމަކީ ގައުމީ މަސްލަހަތު ހުރި ކަމެއް ކަމަށް ވެސް އަޅުގަނޑުމެން ދެކެމެވެ،" ކޮމެޓީގެ ބަޔާނުގައި ވެއެވެ.
އަދި އެ ބަޔާނުގައި ބުނަނީ އެ ކޮމެޓީން ދެކޭ ގޮތުގައި އެއީ ގާނޫނު އަސާސީގެ މަފްހޫމްތަކާ ހިލާފު ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.
ކޮމެޓީން ބުނަނީ ގާނޫނު އަސާސީގެ 234 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެ މަތިން ދިވެހި ޖުމްހޫރިއްޔާ އާއި ދިވެހި ރާއްޖޭގެ ސަރަހައްދާއި ދިވެހި ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދާއި ރައްޔިތުން ރައްކާތެރިކޮށް ހިމާޔަތް ކުރުމަކީ ސިފައިންގެ މައިގަނޑު މަގުސަދު ކަމަށެވެ. ނަމަވެސް މިފަދަ ކަމެއްގައި ސިފައިންގެ ފަރާތުން ކޮމެޓީއަށް އެއްބާރުލުން ނުލިބިދާދިއުން ކޮމެޓީން ބަލައި ނުގަންނަ ކަމަށެވެ.