ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަހްމަދު ނާޒިމަށް ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ 1.9 މިލިއަން ރުފިޔާ ދައްކަވަންޖެހޭ ކަމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ކުރިއަށްނުގެންދެވޭނެ ކަމަށް ހުކުމް ކޮށްފި އެވެ.

ނާޒިމްގެ އަތުން ތަސްމީން ނެންގެވި 2.55 މިލިއަން ރުފިޔާގެ ތެރެއިން 1.9 މިލިއަން ރުފިޔާ ދައްކަވާފައި ނުވާތީ އެ ފައިސާ ދެއްކުމަށް 2010 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމް ކުރުމުން ތަސްމީން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރެއްވި އެވެ.

އެ މައްސަލަ ބެލުމަށް ފަހު ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށް، 1.9 މިލިއަން ރުފިޔާ ތަސްމީން ނާޒިމަށް ދައްކަވަންޖެހޭނެ ކަމަށެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވިފަހުން ތަސްމީން ވަނީ އެ ފައިސާ ނާޒިމަށް ދައްކަވައި ޚަލާސްކުރައްވާފަ އެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ރުހުމާއި އިޚްތިޔާރުގައި ތަސްމީނު ފައިސާ ދައްކަވާފައިވާކަން އެނގެން އޮންނަ އިރު އެ މައްސަލައިގެ "މަހައްލު" ގެއްލިފައިވާތީ އެއީ ސުޕްރީމް ކޯޓުން ބެލޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅާއި ހުކުމް ކުރާ ކަމަށެވެ.

އެ މައްސަލަ ބައްލަވާފައި ވަނީ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.