ރީ ރެޖިސްޓްރޭޝަން ފޯމްތައް ސައްހަތޯ ބެލުމަށް ޕީޕީއެމްއަށް ދިން ފުރުސަތުގައި އެ ޕާޓީން ޗެކް ކުރި 11،000 ފޯމުގެ ތެރެއިން 2070 ފޯމްގައި މައްސަލަތައް ހުރި ކަމަށް ޕީޕީއެމުން ބުނެފި އެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ރިޔާސީ އިންތިޚާބުގައި ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންގެ ފޯމުތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ނަސަންދުރަ ޕެލަސް ހޮޓެލްގައި މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ މަންދޫބު އަބްދުﷲ އަމީން ވިދާޅުވީ، ފޯމުތަކުގައި ގިނައިން ފާހަގަކުރެވިފައި ވަނީ ކުރިން ވެސް އިލެކްޝަންސް ކޮމިޝަނުން ފޯމުތައް އަނބުރާ ފޮނުވާލަން މެދުވެރިވި ކަމަށް ބުނާ މައްސަލަތައް ކަމަށެވެ.

"ފާއިތުވެދިޔަ ތިން ދުވަހު، އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ފޯމުތައް ޗެކްކޮށް ބެލުމުގެ ފުރުސަތު. އެގޮތަށް ހުޅުވާލި ފުރުސަތުގެ ބޭނުން ހިފައި އަޅުގަނޑުމެންގެ ފަސް މެންބަރުންގެ ޓީމަކުން ވަނީ، ވަރަށް ގިނަ ވަގުތު ޗެކްކުރުމުގެ މަސައްކަތް ކޮށްފައި،" އަމީން ވިދާޅުވި އެވެ. "އެގޮތުން އަޅުގަނޑުމެންނަށް 54،000 ފޯމް ބަލައި ޗެކްކުރުމުގެ ފުރުސަތު ލިބުނު. އެ ލިބުނު ވަގުތާ އަޅާ ބަލާއިރު އަޅުގަނޑުމެންނަށް އެ 54،000 ފޯމުގެ ތެރެއިން ރެންޑަމްކޮށް 11،000 ފޯމް ޗެކްކުރެވުނު. އެ 11،000 ފޯމުގެ ތެރެއިން 20 އިންސައްތަ ފޯމުގައި ތަފާތު މައްސަލަ ހުރި ކަމަށް އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު،"

އަމީން ވިދާޅުވީ ފޯމުތަކުން ފާހަގަކުރެވުނު މައްސަލަތަކުގެ ތެރޭގައި "އެޑްރެސް ދިމާ ނުވުމާއި، އައިޑީ ކާޑުގެ މުއްދަތު ހަމަވެފައި ހުރި މައްސަލަ އާއި، ފިންގާ ޕްރިންޓްގެ މައްސަލައާއި، ފޯމްތަކުގައި ސޮއިނުކޮށް ހުރި މައްސަލައާއި، ފޯނު ނަންބަރު ހިމެނިފައި ނުވާ މައްސަލަ އާއި، އަދި އެގޮތަށް ގޮސް ހެކިވެރިންގެ ސޮއި ނެތުމާއި ހެކިވެރިންގެ މައުލޫމާތު ފުރިހަމަ ނުވުންފަދަ މައްސަލަތައް" ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ޗެކްކުރި 11000 ފޯމުގެ ތެރެއިން ފާހަގަކުރެވުނު ޖުމުލަ 2070 ފޯމުގައި މިގޮތަށް ސާފު މައްސަލަތައް ހުރި ކަމަށް،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޗެކްކުރި ފޯމުތަކުގެ ތެރެއިން ގާތްގަނޑަކަށް 1000 ފޯމުގައި ފިންގާ ޕްރިންޓް ޖަހާފައި ހުރިއިރު އެއީ ފިންގާ ޕްރިންޓްކަން ކަށަވަރު ނުވާ ކަމަށެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ މަންދޫބު ވިދާޅުވީ ފޯމުތައް ޗެކް ކުރުމުގައި ފާހަގަކުރެވުނު މައްސަލަތައް މިއަދުގެ ވަގުތެއްގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނޭ ކަމަށާއި އޭގެ އިތުރުން ފިންގާ ޕްރިންޓް ވެރިފައި ކުރުމަށް އިތުރު 6000 ފޯމު ވެސް ހުށަހަޅާފައިވާނެ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، މިމަހުގެ ނުވަ ވަނަ ދުވަހު ބޭއްވޭ އިންތިހާބަށް ތައްޔާރު ކުރެވިފައިވާ ލިސްޓުތަކާއި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދަފްތަރަކީ، ސައްހަ ރަނގަޅު ދަފްތަރެއްކަން ކަށަވަރު ކުރުމަށްޓަކައި އަޅުގަނޑުމެން ކުރަމުން ގެންދާ މަސައްކަތް. އެގޮތުން ރެންޑަމްކޮށް ޗެކްކުރުމަށްޓަކައި އަޅުގަނޑުމެން މިއަދު ވާނީ 6000 މީހުންގެ މައުލޫމާތު ހިމެނޭ ލިސްޓެއް އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައި. އެއީ އަޅުގަނޑުމެން އެންމެ ފުރަތަމަ އަސާސީ ގޮތުން ސައްހަކަން ކަށަވަރު ކުރުމަށް ބޭނުންވާ މިންވަރު،" އަމީން ވިދާޅުވި އެވެ.

އަމީން އިތުރަށް ވިދާޅުވީ ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި މައްސަލަތަކުގެ މައިގަނޑު ބޭނުމަކީ އޮޅުވާލައިގެން ނުވަތަ އެހެން މީހުންގެ ނަމުގައި ފިންގާ ޕްރިންޓް ޖަހައިގެން ފޯމުތައް ހުށަހަޅާފައި ވަނީ ކިހާ މިންވަރެއްތޯ ބެލުމަށް ކަމަށާއި އަދި މިފަހަރުގެ ރިޔާސީ އިންތިޚާބަކީ، އިންސާފުވެރި އަދުލުވެރި އިންތިޚާބެއްކަން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދޭން ބޭނުންވާ ކަމަށެވެ.