31 Oct 2013, 17:48
ފުލުހުންނަށް ހާއްސަކޮށްގެން އިސްކަންދަރު ކޮށީގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް މެޝިނެއް ބަހައްޓައިފި އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލްއިން އިސްކަންދަރު ކޮށީގައި ބެހެއްޓި އޭޓީއެމް މެޝިންގެ ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު އެވެ.
ޕޮލިސް ފެމެލީ އެސޯސިއޭޝަނުގެ އެދުމުގެ މަތިން ބެހެއްޓި އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ޕޮލިސް ފެމެލީ އެސޯސިއޭޝަންގެ ރައީސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް އަބްދުﷲ ވިދާޅުވީ ފުލުހުންނަކީ ބުރަކޮށް ގިނަ ވަގުތު ޑިއުޓީ އަދާކުރާ ބަޔަކަށްވީ ހިނދު މިފަދަ ހިދުމަތެއް ފުލުހުންގެ މަރުކަޒެއްގައި ގާއިމްކުރުމުން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
އޭޓީއެމް ގާއިމްކުރުމުގެ މަސައްކަތުގައި ކޮމިޝަނާ އޮފް ޕޮލިސް އާއި އެހެނިހެން އިސްވެރިންގެ ފަރާތުން ލިބިލެއްވި އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވާ އެ ކަމަށް އޭނާ ވަނީ ޝުކުރު އަދާކުރެއްވައިފަ އެވެ.
އިސްކަންދަރު ކޮށީގައި ގާއިމްކޮށްފައިވާ އޭޓީއެމް ރަސްމީކޮށް ހުޅުވުމާ ގުޅިގެން މިއަދުން ފެށިގެން އެ އޭޓީމްގެ ހިދުމަތް ލިބޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.