ޕްރައިވެޓް ރޭންކުގައި އެމްއެންޑީއެފްގައި އުޅެފައިވާ 100 ސެކިއުރިޓީ އޮފިސަރުނާއި ސާޖަންޓް އެޓް އާމްސްގެ ދެ ނައިބަކު ރައްޔިތުންގެ މަޖިލީހަށް ހޯދަން އިއުލާންކޮށްފި އެވެ.

ސާޖަންޓް އެޓް އާމްސްގެ މަގާމަށް މިދިޔަ ހުކުރު ދުވަހު އިއުލާންކޮށްގެން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނެންޓު މ. މިލިއަން، މުހައްމަދު ހަލީމް ވަނީ އިއްޔެ އެ މަގާމަށް އައްޔަންކޮށްފަ އެވެ. މަގާމުގެ ފަތްކޮޅު މިއަދު ވަނީ އޭނާއާ ހަވާލުކޮށްފަ އެވެ.

ސާޖަންޓް އެޓް އާމްސްގެ މަގާމު ހަލީމްއާ ހަވާލު ކުރުމަށް ފަހު، މަޖިލީހުން މިއަދު އިއުލާންކޮށްފައިވާ، 100 ސެކިއުރިޓީ އޮފިސަރުން މަޖިލީހަށް ނެގުމުގައި ބަލާނީ ޕްރައިވެޓް ރޭންކުގައި އެމްއެންޑީއެފްގައި އުޅެފައިވުމާއި މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމެވެ. ސެކިއުރިޓި އޮފިސަރުންނަށް މަހަކު 10750ރ. ލިބޭނެ ކަމަށާއި ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު 3500ރ. ލިބޭނެ ކަމަށާއި ހާޒިރީ އެލަވަންސަށް 100ރ. ވެސް ލިބޭނެ ކަމަށް މަޖިލީހުން މިއަދު ކުރި އިއުލާނުގައިވެ އެވެ.

ސާޖަންޓް އެޓް އާމްސްގެ ދެ ނައިބުންނަށް ކުރިމަތިލައްވާ ބޭފުޅުން އެމްއެންޑީއެފްގެ ވޮރެންޓް އޮފިސަރު ގްރޭޑް 2ގެ ޝަރުތު ފުރިހަމަވާން ޖެހޭނެ ކަމަށާއި މަސައްކަތާ ގުޅޭ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް މަޖިލީހުން ބުންޏެވެ. އެ މަގާމުގެ މުސާރައަކީ 20،000ރ. އެވެ. ސާވިސް އެލަވަންސްގެ ގޮތުގައި 3500ރ. ލިބޭއިރު، ހާޒިރުވާ ކޮންމެ ދުވަހަކަށް 100ރ. އެލަވަންސަށްދޭނެ އެވެ.

އެސިސްޓަންޓް ސާޖަންޓް އެޓް އާމްސް މަގާމަށް ހަތަރު ބޭފުޅަކު ހޯދުމަށް ވެސް މަޖިލީހުން މިއަދު ވަނީ އިއުލާންކޮށްފަ އެވެ. އެ މަގާމުގެ ޝަރުތަކީ އެމްއެންޑީއެފްގެ ސާޖަންޓުގެ ޝަރުތެވެ. އެސިސްޓަންޓް ސާޖަންޓް އެޓް އާމްސްގެ މުސާރައަކީ 15950ރ. އެވެ. ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު 3500ރ. ލިބޭނެ އެވެ. ހާޒިރީ އެލަވަންސަށް 100ރ. ވެސް ދޭނެ އެވެ.

މަޖިލީހުން މިއަދު އިއުލާން ކުރި އޮފިސަރުންގެ މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ އަންނަ ހަފްތާގެ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 އަށެވެ.

މަޖިލީހުގެ ސާޖަންޓް އެޓް އާމްސް މުހައްމަދު ހަލީމް މިއަދު "ސަން"އަށް ވިދާޅުވީ މަޖިލީހުގެ ހުރިހާ މެންބަރުންގެ ސެކިއުރިޓީ އާއި މުޅި މަޖިލީހުގެ އިމާރާތުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް އޭނާ މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. އަދި މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިން ވެސް މަޖިލީހުގެ ރައީސް އަންގަވާ ގޮތަށް އެއްބާރުލުން ދެއްވަމުން ގެންދާނެ ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ހަތަރު ވަނަ މާއްދާގެ (ރ)ގައި ބުނެފައި ވަނީ މަޖިލީހުގެ ގެއާއި އެގޭގެ ގޯތިތެރެ އާއި މަޖިލީހުގެ ދަށުން ހިންގާ އެންމެހައި ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ މަޖިލީހުގެ ރައީސް ކަނޑައަޅާ ގޮތަކަށެވެ.

އެ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ގާނޫނު އަސާސީގައި ނުވަތަ ގާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، މަޖިލީހުގެ އިމާރާތާއި މަޖިލީހުގެ މާލަމާއި އެ މާލަމަށް އައުމަށް ޓަކައި މަޖިލީހުގެ ގޯއްޗާއި އިމާރާތުގެ ތެރެއިން ހިނގަންޖެހޭ މަގުތަކާއި ކޮރިޑޯތަކާއި މަޖިލީހުގެ އިމާރާތާ އިންވެގެންވާ މަޖިލީހުގެ ގޯތީގެ ސަރަހައްދަކީ މަޖިލީހުގެ ރައީސްގެ ބެލެހެއްޓުމާއި އަމުރުގެ ދަށުގައިވާ ތަންތަނެވެ.