31 Oct 2013, 17:19
ބ. އަތޮޅުގެ އާއްމުންނާއި ވިޔަފާރިވެރިންނަށް ކާކުކަން ނޭނގޭ ގޮތަށް ގުޅައި، ބޮޑެތި އަދަދުތަކުން ރާސްޓަސްއާއި ރިލޯޑް ކުރުވާތީ ފުލުހުން އެ އަތޮޅުގެ ރައްޔިތުން ހޭލުންތެރި ކުރުވައިފި އެވެ.
ފުލުހުން މިއަދު ބުނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ބ. އަތޮޅުގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ހިންގާފައިވާ ކަމަށާއި އެކަން ކުރީ އޭދަފުށީ ޕޮލިސް ސްޓޭޝަނުން ކަމަށެވެ.
އެ ޕްރޮގްރާމް ހިންގީ މިހާރަކަށް ފަހަކަށް އައިސް އެ އަތޮޅުގެ ފިހާރަތަކާއި ބައެއް ވަކިވަކި މީހުންނަށް ކާކުކަން ނޭނގޭ މީހުން ގުޅައި މަތީ އަދަދުތަކުން ރީލޯޑްކުރުމާއި ފޯނުކާޑު އެޅުމާއި ރިޗާޖް ކުރާ ކަމުގެ ޝަކުވާ ލިބިގެން ކަމަށް ފުލުހުން ބުންޏެވެ. އަދި ބުނީ އެފަދަ ކަންތައްތަކުގެ ސަބަބުން މީހުންނަށް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށެވެ.
ހޭލުންތެރިކުރުމުގެ ގޮތުން ފުލުހުން ބ. އަތޮޅުގައި ކުރި ކަމަކީ ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށް، އަޑުގަދަ ކުރާ ބޭނުންކޮށްގެން ރައްޔިތުންނަށް ނަސޭހަތްތެރިވުމެވެ. ނަސޭހަތްތެރިވީ ކާކުކަން ނޭނގޭ މީހުންނާ އެފަދަ މުއާމަލާތް ނުކުރުމަށާއި އެފަދަ ކަމެއް ފާހަގަކުރެވިއްޖެ ނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށެވެ.
މީހުން ހޭލުންތެރިކުރުވުމުގައި ރަށްރަށުގެ ކައުންސިލްތަކުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބުނު ކަމަށް ފުލުހުން ބުންޏެވެ.