ރިޔާސީ އިންތިހާބު އިތުރަށް ލަސްވެއްޖެ ނަމަ ރާއްޖޭގެ ތަސައްވުރަށް ބޮޑެތި ގެއްލުންތައް ވާނެ ކަމަށް އިނގިރޭސި ސަރުކާރުން ބުނެފި އެވެ.

އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބު އިތުރަށް ލަސްވެއްޖެ ނަމަ ރާއްޖޭގެ ތަސައްވުރަށް ބޮޑެތި ގެއްލުންތައް ވާނެ ކަމަށް ސްޓޭޓް މިނިސްޓަރު ހޫގޯ ސުވަޔަރް ވިދާޅުވި ކަމަށެވެ.

"އިންތިހާބު ބޭއްވުމުގައި ވަމުންދާ ގަބޫލު ނުކުރެވޭ ފަދަ ލަސްވުންތަކާއި ޕާލަމެންޓޭރިއަނުންނާއި އެންޖީއޯތަކާއި މީޑިއާތަކަށް އަޅަމުންދާ ބައިނަލް އަގުވާމީ މުޖުތަމައުން އަންނަނީ ކައިރިން ބަލަމުންނެވެ. އިތުރަށް ލަސްވާ ނަމަ ބައިނަލް އަގުވާމީ މުޖުތަމައުގައި ރާއްޖޭގެ ތަސައްވުރަށް ބޮޑެތި ގެއްލުން ވާނެ އެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ނުބައި އަސަރުކުރާނެ އެވެ،" ހޫގޯ ވިދާޅުވި ކަމަށް ބަޔާނުގައިވެ އެވެ.

އޭނާ އަދި ވިދާޅުވެފައި ވަނީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އެމީހުންގެ ރައީސް އިންތިހާބު ކުރުމުގެ ހައްގު ދިވެހި ރައްޔިތުންނަށް ލިބެން ޖެހޭ ކަމަށެވެ.

ރާއްޖޭގެ އިންތިހާބު ލަސްވަމުންދާ ދިއުމާ މެދު އިނގިރޭސި ސަރުކާރު އޮތީ ވަރަށް ބޮޑަށް ކަންބޮޑުވެފައި ކަމަށް ވެސް އޭނާ ހޫގޯ ވިދާޅުވެފައިވެ އެވެ. އަދި ވިދާޅުވެފައި ވަނީ އިންތިހާބަށް ކުރިމަތިކުރަމުންދާ ގާނޫނީ ގޮންޖެހުންތަކުގެ މަގުސަދަކީ ވޯޓް ލުމުގެ ފުރުސަތު ރައްޔިތުންނަށް ނުދިނުން ކަމަށް ފެންނަ ކަމަށެވެ.

ސުލްހަވެރިކަމާ އެކު އިތުބާރު ކުރެވޭ ފަދަ ގޮތަކަށް މިނިވަންކަމާ އިންސާފުވެރިކަމާ އެކު އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވޭނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.