ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީގެ ބައްދަލުވުން ކުއްލި ގޮތަކަށް ޝެޑިއުލްކުރުމާ ގުޅިގެން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މައްޗަށް އުފުލާފައިވާ ބަނގުރާ ގެންގުޅުމުގެ ދައުވާގެ ޝަރީއަތް މިއަދު ކެންސަލް ކޮށްފި އެވެ.

ޖާބިރުގެ އިތުރުން އެ މައްސަލައިގައި ދައުވާ ކޮށްފައި ވަނީ ހެންވޭރުދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރާއި ހއ. އަލިދޫ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޖާދުﷲ ޖަމީލުގެ މައްޗަށެވެ.

މިއަދު ކޯޓަށް ހާޒިރުވެވަޑައިގެންފައި ވަނީ ޖާދުﷲ އެކަންޏެވެ. ގާޒީ ވިދާޅުވީ ކޯޓަށް ހާޒިރުނުވި ސަބަބެއް ހާމިދު އަންގަވާފައިނުވާ ކަމަށާއި އެގޮތަށް އަމަލު ކުރާނަމަ ގަވާއިދުގައިވާ ގޮތުގެމަތިން އޭނާއާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

މިއަދު 1:00 ގައި އެ މައްސަލައިގެ ޝަރީއަތް ގާޒީ ޝެޑިއުލްކުރީ ހާމިދާއި ޖާބިރާ މަޝްވަރާ ކުރެއްވުމަށް ފަހު އެވެ. ސަބަބަކީ މިއަދަކީ މަޖިލީހުގެ ޖަލްސާ ނޯންނަ ދުވަހަކަށް ވާތީ އެވެ.

ގާޒީ ވިދާޅުވީ މިއަދު 1:00 އިން ފެށިގެން 3:00 އަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީގެ ބައްދަލުވެއް އޮންނާނެ ކަމަށް މަޖިލީހުގެ އިދާރާއިންނާއި ޖާބިރުގެ ފަރާތުން ވެސް ކޯޓަށް އަންގާފައިވާ ކަމަށެވެ.

މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުގެ ގާނޫނު ބުނާ ގޮތުން މަޖިލީހުގެ ޖަލްސާއަށް ހުރަސްއެޅޭ ފަދަގޮތަކަށް އަދި ކޮމެޓީގެ މަސައްކަތަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް މެމްބަރަކު ޝަރުއީ ކޯޓަކަށް ހާޒިރުކޮށްގެން ނުވާނެ ކަމަށެވެ. އެހެންކަމުން އެކަމަށް ހައްލެއް ހޯދުމަށް މީގެ ކުރިން ގާޒީ ވަނީ ދައުލަތަށް އަންގާފަ އެވެ.

ދައުލަތުގެ ވަކީލު މިއަދު ވިދާޅުވީ ހާމިދާއި ޖާބިރުއާ މަޝްވަރާ ކުރެއްވުމަށް ފަހު އެހެން ދުވަހަކަށް އެ މައްސަލަ ޝެޑިއުލް ކުރުމަށް ދައުލަތުން އެދޭ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ގާޒީ ވިދާޅުވީ ސަރުކާރު ބަންދު ދުވަހަކަށް ވެސް އެ މައްސަލަ ޝެޑިއުލް ކުރެވިދާނެ ކަމަށެވެ. ނަމަވެސް މައްސަލަ ޝެޑިއުލް ކުރުމާ އެކު އެ ގަޑިއަށް ކޮމެޓީގެ ބައްދަލުވުން ޝެޑިއުލްކޮށްފާނެ ކަމަށާއި އެހެންކަމުން މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ މައްސަލަތަކުގެ ޝަރީއަތް ހިންގުމަށް ހުރި ދަތިތަކުގެ ވާހަކަ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ކޯޓުން ދަންނަވާނެ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ކުރިއަށްގެންދަން ހަމަޖައްސާފައި އޮތީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނެގުމެވެ. ގާޒީ ވިދާޅުވީ އެންމެ މީހަކު ފިޔަވައި ހުރިހާ ހެކީން މިއަދު ކޯޓަށް ހާޒިރުކުރި ކަމަށާއި އެއީ ބޮޑު ޚަރަދެއް ހިނގާ ކަމެއް ކަމަށެވެ.