31 Oct 2013, 16:24
އެއްވެސް ހާލަތެއްގައި ގާނޫނާ ހިލާފު ކަމެއް ކުރެއްވުމަކަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އަމުރު ނުކުރައްވާނެ ކަމަށް މަޖިލީހަށް ފުރަތަމަ ފަހަރަށް އައްޔަން ކުރެއްވި ސާޖަންޓް އެޓް އާމްސް މުހައްމަދު ހަލީމް ވިދާޅުވެއްޖެ އެވެ.
ފަސްޓް ލެފްޓިނެޓް ރޭންކްގައި ސިފައިންގޭގައި މަސައްކަތްޕުޅު ކުރެއްވި މ. މިލިއަން މުހައްމަދު ހަލީމް މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ސާޖަންޓް އެޓް އާމްސްގެ މަގާމަށް އިއްޔެ އައްޔަން ކުރެއްވިއިރު، މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އެ މަގާމަށް އަންނަ ބޭފުޅެއްގެ މަސްއޫލިއްޔަތަކީ މަޖިލީހުގެ ރައީސާއި މަޖިލީހުން ކުރާ އަމުރުތައް ތަންފީޒު ކުރުމެވެ. އެ އަމުރުތައް ސާޖަންޓް އެޓް އާމްސް ތަންފީޒު ކުރާނީ ސެކިއުރިޓީ އޮފިސަރުން މެދުވެރިކޮށެވެ.
ސިފައިންގޭގައި 23 އަހަރު ހިދުމަތް ކުރެއްވުމަށްފަހު މިދިޔަ މަހުގެ 30ގައި ވަޒީފާއިން ވަކިވެވަޑައިގެންނެވި ހަލީމް "ސަން"އަށް މިއަދު ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް ޝާހިދު ހޮވިވަޑައިގެންނެވީ މަޖިލީހުގެ އަގުލަބިއްޔަތަކުން ކަމަށާއި އެމަނިކުފާނު ކުރައްވާ އަމުރަށް، އަމަލު ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
"މަޖިލީހުގެ ރައީސް ނާންގަވާނެ އެއްވެސް ހާލަތެއްގައި ގާނޫނާ ހިލާފު ކަމެއް ކުރާކަށް. އެއްވެސް ހާލަތެއްގައި ނާންގަވާނެ. އެމަނިކުފާނު އެ މަގާމަށް ހޮވިވަޑައިގެން އެ އިންނަވަނީ ހަމަ އަގުލަބިއްޔަތަކުން، އަޅުގަނޑުމެންނަށް ކުރާ އަމުރަކީ ސީދާ ގާނޫނުގެ ދަށުން ކުރައްވާ އަމުރެއް. އިތުރު އަމުރެއް ނުކުރައްވާނެ،" ހަލީމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަކީ ކަރާމާތާއި އިއްޒަތް ލިބިގެންވާ ތަނެއް ކަމަށް ފާހަގަ ކުރައްވައި ހަލީމް ވިދަޅުވީ މަޖިލީހުގެ ޗެންބަރުގެ ހުރުމަތް ކެނޑޭފަދަ އަމަލުތައް ހިންގެވުމަކީ "ޓޮލަރޭޓް" ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މަޖިލީހުގެ ޗެންބަރުގެ ހުރުމަތް ދެމެހެއްޓުމަށް ކަންތައްކެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ ބޮޑު އެއް މަސްއޫލިއްޔަތަކީ ޗެންބަރުގެ ތެރެއިން އެކަން ރަނގަޅު ކުރުން. އެއްވެސް ބޭފުޅަކަށް ޗެންބަރުގެ ހުރުމަތް ކަނޑައެއް ނުލެވޭނެ. ކޮންމެ ބޭފުޅަކަށް ވިޔަސް. އެއީ އަޅުގަނޑު ކަމަށްވިޔަސް،" މަޖިލީހުގެ ނިޒާމު މެންބަރަކު ގެއްލުވާލައިފިނަމަ މަޖިލީހުގެ ރައީސްގެ އިޒުނައާ އެކު މެންބަރުން ޖަލްސާ ކުރާ މާލަމުން ނެރުމުގެ ބާރު ލިބިދީފައިވާ ހަލީމް ވިދާޅުވި އެވެ.
މަޖިލީހުގެ ކޮންމެ މެމްބަރެއްގެ ސެކިއުރިޓީ ކަންތައްތައް މަޖިލީހުން ބަލަން ޖެހޭނެ ކަމަށާއި މުޅި މަޖިލީހުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހަލީމް ވިދާޅުވި އެވެ. އަދި އެކަންތައްތައް ވެސް ކުރަމުންދަނީ ޝަހީދުގެ ލަފާފުޅުގެ މަތިން ކަމަށް އޭނާ ވިދަޅުވި އެވެ.
މަޖިލީހުގެ ސެކިއުރިޓީއަށް ސާޖަންޓް އެޓް އާމްސްއެއް އައްޔަން ކުރައްވާފައިވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އަށާއި ސުޕްރީމް ކޯޓަށް ވެސް ސާޖަންޓް އެޓް އާމްސްއެއް އައްޔަން ކުރައްވަންޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ހަލީމް ވިދާޅުވި އެވެ.