31 Oct 2013, 16:14
އއ. ރަސްދޫގައި މެޖިސްޓްރޭޓް ކޯޓުގެ ކައިރީގައި މިދިޔަ މަހު ކުރި މުޒާހަރާއަކާ ގުޅިގެން ފުލުހުންގެ ހައްޔަރު ކުރި 15 މީހެއްގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައި ވަނީ އެ ރަށު މެޖިސްޓްރޭޓް ކޯޓުގެ ސަރަހައްދުގައި މިދިޔަ މަހު އެމްޑީޕީ ބަޔަކު ބޭއްވި އެއްވުމެއްގައި އެކޯޓު ދޮރު މައްޗަށްވާ ގޮތަށް ނަގާފައި ހުރި ހުދުކުލައިގެ ބޮޑު ޖަނގިޔަލެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް މަސައްކަތް ކުރުމުން ދަނިކޮށް ފުލުހުންގެ ވާޖިބަށް ހުރަސްއަޅައިގެން ކަމަށެވެ. އަދި އެ ޖަނގިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނިކޮށް ފުލުހުންނާ މާރާމާރީ ހިންގުމަށް ފަހު ރަސްދޫ ޕޮލިސް ސްޓޭޝަނުން ކަރަންޓް ކަނޑާލި މައްސަލައިގެ ތުހުމަތު ވެސް އެމީހުންގެ މައްޗަށް ފުލުހުން ކުރެ އެވެ.
އެ މައްސަލާގައި ހިމެނޭ 15 މީހުންގެ ތެރެއިން 13 މީހަކު ކްރިމިނަލް ކޯޓުން ޝަރުތުކޮށް ދޫކޮށްލައިފައިވާ އިރު އަނެއް ދެ މީހުން ދޫކޮށްލައިފައި ވަނީ އެއްވެސް ޝަރުތުތެއް ނެތި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ 13 މީހުންގެ މައްޗަށް ޝަރުތުކޮށްފައި ވަނީ އެއްވެސް ބާވަތެއްގެ ކުށެއް ނުކުރުމަށާއި ބަންދުން ދޫކުރާތާ ދެ ދުވަސް ތެރޭގައި އަނބުރާ ރަސްދު އަށް ދިއުމަށާއި ރަސްމީ ކޮންމެ ދުވަހަކު ރަސްދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ސޮއިކުރުމަށެވެ. އެ މީހުންގެ މައްޗަށް ޝަރުތުތު ކުރީ އޮކްޓޯބަރު 20 އިން ފެށިގެން ދެ މަސް ދުވަހުގެ ނިޔަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.