01 Dec 2010, 11:35
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ ޑިސިޕްލިން މިހާރަށް ވުރެ ރަނގަޅު ކުރުމަށް، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު، ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ ގޮވާލައްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕަބްލިކް އެންޓަޕްރައިސަސް ކޮމިޝަންގެ ބިލާ މެދު ވާހަކަ ދައްކަވަމުން މުސްތަފާ ވިދާޅުވީ އޭނާ ވާހަކަ ދައްކަވަން ފެއްޓެވުމުން، މޫސާ މަނިކު މާލަން ދޫކުރައްވައި ބޭރަށް ނިކުންނެވުމާގުޅިގެން ކުޑަ ވަގުތު ކޮޅަކަށް ޖަލްސާގެ ކޯރަމް ގެއްލުމުން، މޫސައަށް ނިސްބަތް ކުރައްވައި މުސްތަފާ ވިދާޅުވީ، އޭނާ ވާހަކަ ދައްކަވަން ފެއްޓެވުމުން އަމިއްލަ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް މަޖިލިސް ދޫކުރައްވައި ބޭރަށް ނުކުންނެވުމުން ބިލަށް ދައްކަވަމުން ގެންދެވި ވާހަކަ އަށް ހުރަސް އެޅިފައިވާ ކަމަށެވެ. އަދި އެފަދަ ކަންތައް ނުކުރެއްވުމަށް ވެސް މުސްތަފާ އެދިވަޑައިގަތެވެ.
"އަޅުގަނޑު ވާހަކަ ދައްކަމުން ދަނިކޮށް އަޅުގަނޑުމެންގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް، މަޖިލިސް ދޫކޮށް ބޭރަށް ވަޑައިގަތުމުން، ބިލަށް އަޅުގަނޑު ދައްކަމުން އައި ވާހަކައަށް ހުރަސް އެޅިއްޖެ. އަޅުގަނޑުގެ ޕާޓީގެ ބޭފުޅެއް ކަމުގައި ވީނަމަވެސް، އެހެންޕާޓީއެއްގެ ބޭފުޅެއް ކަމުގައިވީ ނަމަވެސް ތިމާގެ އަމިއްލަ ޕާޓީގެ މެންބަރަކު ވާހަކަ ދައްކަމުންދާއިރުގައި މަޖިލީހުގެ ކޯރަމް ގެއްލޭގޮތަށް ނިކުމެވަޑައިގަތުމަކީ ރަނގަޅުކަމެއް ނޫން. އެ މައްސަލައިގައި އަޅުގަނޑު ވަރަށް ދެރަވެއްޖެ. އަޅުގަނޑުމެންގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސަށް އަޅުގަނޑު ދަންނަވަން، މަނިކުފާނުގެ ޑިސިޕްލިން ތިޔައަށް ވުގެ ރަނގަޅު ކުރައްވާށޭ،"
މުސްތަފާގެ އިތުރުން ޑީއާރުޕީގެ ބައެއް މެންބަރުން ވެސް ރީކޯ މޫސާ މަނިކު ޕާލަމެންޓްރީ ގްރޫޕުގެ ރައީސް ކަމުން ވަކި ކުރުމަށް މިއަދުގެ ޖަލްސާގައި ވަނީ ގޮވައިލައްވައިފަ އެވެ.
ގަލޮޅު ދެކުނުދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް އަމާންކަމާއި އޮމާންކަމާ އެކު، ވީހާވެސް އަވަހަށް ކުރިއަށް ދިއުމަކީ ހުރިހާ ރައްޔިތުންގެ ބޭނުމެއް ކަމަށެވެ. އަދި ރައްޔިތުން މިހާރު ވެސް ތިބީ މަޖިލީހުގެ މަސަތްތައް ކުރިއަށްދާލެއް ލަސްކަމުން ކަންބޮޑުވެފައިކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މަޖިލީހުގެ މަސައްކަތްތައް އަވަސް ކުރުމަށް ކުރެވެން އޮތް އެންމެ މުހިއްމު ކަމަކީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް ރީކޯ މޫސާ މަނިކު އެ މަގާމުން ވަކިކޮށް، އެކަމަށް ގާބިލް، ގުޅިގެން މަސައްކަތް ކުރެވޭ، ތަންދޮރު ދަންނަ، ރަނގަޅު މެންބަރެއް އެމަގާމަށް އައުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ފަރާތުން އެކަމާ ކުރިމަތިލާ ފަރާތަކަށް ޑީއާރުޕީން ތާއީދު ކުރާނެ ކަމަށް ވެސް މަހްލޫފު ވިދާޅުވި އެވެ.
"މަޖިލީހުގެ މަސައްކަތްތައް އަވަސް ކުރުމަށް ކުރެވެންއޮތް އެންމެ މުހިއްމު ކަމަކީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް ރީކޯ މޫސާ މަނިކު އެ މަގާމުން ވަކިކޮށް، ކަމަށް ގާބިލް އަޅުގަނޑުމެންނާ ގުޅިގެން މަސައްކަތް ކުރެވޭ، ތަންދޮރު ދަންނަ ރަނގަޅު މެންބަރެއް އެމަގާމަށް ގެނައުން. ބޭނުން ވަނީ، ހިންނަވަރު ދާއިގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު ފަދަ ބޭފުޅެއް އެ މަގާމަށް ގެނެސްދޭން. އޭރުން އަޅުގަނޑުމެންނާ ގުޅިގެން މަސައްކަތް ކުރެވޭނެ،" މަހުލޫފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހާއި މުސަތަފާމެން ފަދަ ބޭފުޅުން އެމްޑީޕީގެ ފަރާތުން ޕާލަމެންޓްގައި ވާހަކަ ދައްކަވާ އިރު ޑީއާރުޕީން ހުރަސްއަޅަމުން ނުގެންދާ ކަމަށެވެ. އެއީ އެބޭފުޅުންނަކީ އިހްތިރާމް ލިބިވަޑައިގެން ތިއްބެވި އަދި އެހެން މީހުންނަށް އިހްތިރާމް ކުރައްވާ މެންބަރުން ކަމަށްވާތީ ކަމުގައި ވެސް މަހްލޫފު ވިދާޅުވި އެވެ.
"އެމްޑީޕީގެ ފަރާތުން އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވާހަކަ ދައްކަވަނިކޮށް ޑީއާރުޕީގެ ފަރާތުން ހުރަސް އަޅާފައެއް ނޯންނާނެ. އެއީ އިހްތިރާމް ލިބިގެންވާ އަދި އިހްތިރާމްކުރަން ދަންނަ ބޭފުޅަކަށް ވާތީ. މަޖިލީހުގެ މަސައްކަތްތައް މަޑުޖެހި އެކަކު އަނެކަކުގެ ގަޔަށް އަތްލާ ހިސާބަށް ދިއުމަކީ ސީރިއަސް މައްސަލައެއް،" މަހުލޫފް ވިދާޅުވި އެވެ.
މަހްލޫފުގެ އިތުރުން ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމާއި ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމް ވެސް ވަނީ މޫސާ މަނިކު މަޖިލީހުގައި ކަންތައްތައް ކުރައްވަމުން ގެންދަވާ ގޮތްތަކަށް ފާޑު ވިދާޅުވެ މަޖިލީހުގައި މޫސަ ނެތް ނަމަ ބިލުތަކަށް ބަހުސް ކުރުމަށް ރަނގަޅު މާހައުލެއް އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ.