ލަވަކިޔުމަށް ކުޑައިރުއްސުރެ ޝައުގުވެރިކަން ހުންނަ ދިވެއްސަކު ރަޝިޔާގެ ޓީވީ ޗެނަލަކުން ބޭއްވި ލަވަ ކިޔުމުގެ މުބާރާތެއްގައި ބައިވެރިވެ، ރަޝިޔާ ބަހުން ލަވައެއް ކިޔައިފި އެވެ.

ޕްލާސްޓިކް ސާޖަނެއްގެ ގޮތުގައި މިހާރު ރަޝިޔާގެ ޔުނިވާސިޓީއެއްގައި ކިޔަވަމުން އަންނަ އަހުމަދު ޝަމްރާހު،29، ގަލޮޅު ކަންޒުދޮށުގެ، އެންމެ ފުރަތަމަ ލަވަ ކިޔަން ފަށާއިފައި ވަނީ އުމުރުން ހަތް އަހަރުގައި ޓީވީއެމްގެ ސްކޫލް ކުދިންގެ ލަވަ މުބާރާތުގަ އެވެ. އޭނާ ވަނީ ޖެހިޖެހިގެން ދެ އަހަރު މުޅި މުބާރާތުން އެންމެ މޮޅު ފިރިހެން ލަވަކިޔުން ތެރިޔާގެ މަގާމު ހޯދައިފަ އެވެ.

ލަވަކިޔުމުގެ މުބާރާތެއްގެ ގޮތުގައި ރަޝިޔާގެ ޓީވީއަކުން ގެނެސްދިން "ވޮއިސް" ޝޯވްގައި ޝަމްރާހު ލަވަކިޔައި ނިންމާލުމުން އެ ޝޯގެ ޖަޖުން އޭނާއާ ސުވާލު ކުރަން ބޭނުންވި އެވެ. ޝަމްރާހު އާ ޖަޖުން ސުވާލުކުރާނީ ރަޝިޔާ ބަހުންތޯ ނުވަތަ އިނގިރޭސި ބަހުންތޯ އެ މީހުން އޭނާ ބުނީ އޭނާ އަށް ރަޝިޔާ އާއި އެ ގައުމުގެ ބަސް ވެސް ކަމުދާ ކަމަށެވެ. ނަމަވެސް ސުވާލުތައް ކުރަންވީ އިނގިރޭސި ބަހުން ކަމަށް އޭނާ ބުންޏެވެ.

އެ ޝޯވްގައި ޝަމްރާހަކީ ދިވެއްސެއް ކަމާއި އޭނާ ރަޝިޔާ ބަހުން އެހާ ރީއްޗަށް ލަވަ ކިޔުމުން އެކަމާ ޖަޖުން ވަރަށް ހައިރާންވެ އެކަމާ ތައުރީފްކޮށް ވާހަކަ ދައްކާފައިވެ އެވެ. އަދި އޭނާ އަށް ލިބިފައިވާ ލަވަކިޔުމުގެ ހުނަރާ މެދު ވެސް އެމީހުން ވަނީ ތައުރީފުކޮށްފަ އެވެ.

https://www.youtube.com/watch?v=JvOYDGza09Q

މި މުބާރާތުގައި ޝަމްރާހު ވަނީ ރަޝިއާގެ ވަރަށް މަޝްހޫރު އަންހެން ލަވަކިޔުންތެރިއެއް ކަމަށްވާ ޖެކްލީން މިގުއެލް އާއި އެކުގައި ވެސް ލަވައެއް ހުށަހަޅައިދީފަ އެވެ.

https://www.youtube.com/watch?v=TbGAF8Lzx9k

ޝަމްރާހަކީ ލަވަކިޔުމުގެ އިތުރުން އަމިއްލަ އަށް ޅެން ހެދުމާއި މިއުޒިކް ހެދުމުގެ ކުޅަދާނަ ކަން ވެސް ލިބިފައިވާ ޒުވާނެކެވެ.