އިޓާލިއަން ލީގުގައި ރޭ ލާޒިއޯއާ ދެކޮޅަށް އޭސީ މިލާން ކުޅުނު މެޗުގައި މިލާން ކުރިހޯދާފައި ވަނިކޮށް ފަހަތުންއަރައި ލަނޑެއް ކާމިޔާބުކޮށް ލާޒިއޯއިން މިލާން މޮޅުވިޔަނުދީ ހިފަހައްޓައިފި އެވެ.

މިލާންގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި އެޓީމަށް ކުރި ހޯދައިދިނީ މެޗުގެ 54 ވަނަ މިނިޓުގައި ބްރެޒިލް ފޯވާޑް ރިކާޑޯ ކަކާ އެވެ. މިއީ ރެއާލް މެޑްރިޑްގައި ހަތަރު އަހަރު ހޭދަކުރުމަށް ފަހު އެނބުރި ސެންސީރޯއަށް އައި ފަހުން ކަކާ އެޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

ކަކާގެ ލަނޑުން މިލާނަށް ކުރި ލިބުނު ނަމަވެސް މެޗުގެ 72 ވަނަ މިނިޓުގައި ލާޒިއޯގެ ޑިފެންޑަރު މިޝޭލް ޗިއާނީ ވަނީ މިލާން ކޮޅަށް ލަނޑެއް ކާމިޔާބުކޮށް ލާޒިއޯއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ރޭގެ މެޗުގެ ނަތީޖާއާ އެކު ލާޒިއޯ އޮތީ ލީގުގައި އެޓީމު ކުޅުނު 10 މެޗުން 15 ޕޮއިންޓް ހޯދައިގެން ތާވަލުގެ ހަތް ވަނައިގަ އެވެ. އަދި 10 މެޗު ކުޅެގެން 12 ޕޮއިންޓާއެކު މިލާން އޮތީ ތާވަލުގެ 11 ވަނައިގަ އެވެ.