31 Oct 2013, 15:12
ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު ހަމަސް ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
މިއަދު މެންދުރުފަހުގެ ވަގުތެއްގައި އެ ހުކުމް ކޮށްފައި ވަނީ ހާމިދުގެ ޣައިރުހާޒިރުގަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަމުން އިސްގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ ދެ ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުވުމުގެ އަމުރާ ހަވާލުވެ، އޭނާ ކޯޓަށް ވަޑައިގެންފައި ނުވާކަމަށެވެ. އަދި އޭނާގެ ގެއަށް ކޯޓު އަމުރު ހިފައިގެން ދިޔަ ދުވަހަކު ކޯޓު އަމުރާ ހަވާލުވުމަށް އެގެއިން ދެކޮޅު ހަދާފައިވާ ކަމަށް ވެސް އަބްދުﷲ ގާޒީ ވިދާޅުވި އެވެ.
ހުކުމް އިއްވަމުން އަބްދުﷲ ގާޒީ ވިދާޅުވީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގައި ދަންނަވައިގެން ވެސް ހާމިދު ކޯޓަށް ހާޒިރުކުރެވޭ ގޮތެއް ނުވި ކަމަށެވެ. އެހެންކަމުން ކޯޓުގެ އަމުރަށް ތަބާނުވުމުގެ ކުށުގައި ހާމިދު ހަ މަސް ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފަ އެވެ.
ހާމިދުގެ މައްޗަށް ޖިނާއީ ކުށެއްގެ އަދަބު ކްރިމިނަލް ކޯޓުން މިއަދު ކަނޑައެޅިއިރު، މެމްބަރު ކަމުގެ ގޮނޑި ނުގެއްލޭވަރުގެ ޖީނާއީ ހުކުމެއް މެންބަރެއްގެ މައްޗަށް އަޔަސް، މަޖިލީހަށް ހާޒިރުވެވޭ ގޮތަށް މަޖިލީހުގެ ގަވާއިދު ވަނީ ބަދަލުކޮށްފަ އެވެ.
ގާނޫނު ބުނާގޮތުން މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލޭނީ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އައުމުންނެވެ.
ކޯޓުގެ އެންގުމާ އެއްގޮތަށް ކޯޓަށް ހާޒިރުވެވަޑައިގެންފައި ނުވާތީ ހާމިދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ މައްސަލައިގެ ޝަރީއަތް އޭނާގެ ޣައިރު ހާޒިރުގައި ހިންގައި ނިންމާނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.
ކޯޓަށް ހާޒިރުނުވާން ވެގެން ހާމިދު އަދިވެސް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ފިއްލަވައިގެނެވެ.