31 Oct 2013, 14:38
ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އަހުމަދު މުއިއްޒުގެ އިތުބާރު ނެތް ކަމަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ ދިފާއުގައި ޖަވާބުދާރީ ވެވަޑައިތުމަށް އިތުރު ތިން ދުވަހުގެ ފުރުސަތެއް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ދިނުމަށް ނިންމައިފި އެވެ.
އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ ދިފާއުގައި، ޖަވާބު ދާރީވުމަށް މިނިވަން މުވައްސަސާތަކުގެ ކޮމެޓީ އަށް ހާޒިރުވުމަށް މިއަދު އެންގުމުން ކޮމެޓީ އަށް ވަޑައިގަތުމަށް ފަހު މުއިއްޒު ވިދާޅުވީ އެ މަނިކުފާނަށް އެކަށީގެންވާ ވަގުތެއް ލިބިވަޑައިގެންފައިވާ ނުވާކަމަށެވެ.
ޕީޖީ މުއިއްޒު މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީ ވުމަށް ކޮމެޓީ އަށް ވަޑައިގަތުމަށް ފަހު މުއިއްޒު ވިދާޅުވީ ކޮމެޓީ އަށް ވަޑައިގަތުމަށް އަންގާފައިވާ ސިޓީ ލިބިވަޑައިގަތްތާ 48 އިރު ވެސް ނުވާ ކަމަށެވެ. އަދި ޖަވާބުދާރީ ވެވަޑައިގެންނެވުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް މުއިއްޒު ވިދާޅުވުމުން ކޮމެޓީގެ މުގައްރިރު، ދިއްދޫ ދާއިރާ މެންބަރު ސަމީރު ވިދާޅުވީ މިނިވަން މުވައްސަސާތަކުގެ ބޭފުޅުންގެ އިތުރުބާރު ނެތް ކަމަށް ހުށަހެޅޭ މައްސަލަތަކުގައި ކުރިއަށްދާނެ ގޮތެއް މިދިޔަ އަންގާރަ ދުވަހު ބޭއްވި ކޮމެޓީން ފާސްކޮށްފައިވާ ކަމަށެވެ. އެ ނިންމުމުގައިވާ ގޮތުން މިނިވަން މުވައްސަސާތަކުގެ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ޖަވާބުދާރީ ވުމަށް ފުރުސަތުދޭނެ ގޮތް ކަނޑައަޅާނީ ކޮމެޓީން ނިންމާ ގޮތެއްގެ މަތީން ކަމަށެވެ. އަދި މުއިއްޒު މިއަދު ކޮމެޓީ އަށް ހާޒިރު ވެވަޑައިގަތުމަށް ފާސްކުރީ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމަށް ފަހު ކަމަށް ވިދާޅުވެ އިތުރު ވަގުތު ދިނުމަށް ކޮމެޓީން ވަނީ މަޝްވަރާ ކޮށްފަ އެވެ.
އަދި އަންނަ ހޯމަ ދުވަހުގެ 2:00ގައި ކޮމެޓީ އަށް ހާޒިރުވުމަށް މުއިއްޒަށް އެންގުމަށް ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ކޮމެޓީ އަށް ހުށަހެޅުވުމުން ކޮމެޓީން އެގޮތަށް ފާސްކޮށްފާސްކޮށްފައި ވަނީ އަލީ ވަހީދާއި އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްގަފޫރާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީގެ އިތުރުން ޑީއާރުޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދެމެވެ. އަންނަ ހޯމަ ދުވަހު ޕީޖީ ކޮމެޓީ އަށް ހާޒިރު ކުރުމަށް އެއްވެސް މެންބަރަކު ދެކޮޅު ހައްދަވަފައިނުވާ އިރު އެ ކޮމެޓީގައި ހިމެނިވަޑައިގަންވާ އެމްޑީޕީއާ އިދިކޮޅު ބައެއް މެންބަރުން ވަނީ ކޮމެޓީ ހިނގާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގަންވާ ކަމަށް ވިދާޅުވެ ކޮމެޓީން ނިކުމެވަޑައިގެންފަ އެވެ.
ނަމަވެސް ޕީޖީ މުއިއްޒު މިއަދު ވިދާޅުވީ މިނިވަން މުވައްސަސާތަކުގެ މެންބަރުންގެ އިތުރުބާރު ނެތް ކަމަށް ހުށަހެޅޭ މައްސަލަތަކުގައި ކަންކުރާނެ ގޮތް ގާނޫގައި ކަނޑައަޅާފައި ނުވާތީ އަމަލު ކުރުން އެންމެ ރަނގަޅު ގޮތަކީ ވަޒީރުންންގެ އިތުބާރު ނެތް ކަމަށް ހުށަހެޅޭ މައްސަލަތަކުގައި ކަންކުރާ ގޮތް ކަމަށެވެ. އެގޮތުން އިތުރުބާރު ނެތް ކަމަށް ހުށަހެޅުމާ އެކު 14 ދުވަހުގެ މުއްދަތެއް ދޭންވާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ޕީޖީ މުއިއްޒުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ގިނަ ސަބަބުތަކެއް ކޮމެޓީ އަށް ހުށަހަޅާފައިވެ އެވެ. އެ ސަބަބުތަކަކީ ޕީޖީން ދައުވާ ކުރުމުގައި ވަކި ބަޔަކު އިސްތިސްނާ ކުރުމާއި ކޯނީގެ ރިޕޯޓުގައި ބުނެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު ނޭޅުމާއި އަސާސީ ހައްގު ގެއްލޭ ގޮތަށް ޕީޖީ އަމަލުކުރެއްވުން ކަމަށް އެމްޑީޕީ އިން ބުންޏެވެ.
ޕީޖީގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާ އިރު، މި އަހަރުގެ ތިން ވަނަ ދައުރުގައި އެމްޑީޕީ އަށް ވަނީ މަޖިލީހުގެ ސާފު އަގުލަބިއްޔަތު ލިބިފަ އެވެ. ރައީސް މުހައްމަދު ނަޝީދަށް ޑީއާރްޕީން ތާއިދު ކުރަން ނިންމި ހިސާބުން، އެ ޕާޓީންގެ ގިނަ މަޖިލިސް މެންބަރުން ވޯޓު ދެއްވަނީ އެމްޑީޕީގެ ވިޕްލައިނާ އެއްގޮތަށެވެ.