31 Oct 2013, 14:18
އާސެނަލްގެ ޖަރުމަން މިޑްފީލްޑަރު ލޫކަސް ޕޮޑޮލްސްކީގެ ފައިގެ ފަލަމަސްގަޑަށް ލިބުނު އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ދުވަސްތަކެއް ހޭދަކުރުމަށް ފަހު އަލުން އެޓީމުގެ ފަރިތަކުރުން ތަކުގައި ބައިވެރިވާން ފަށައިފި އެވެ.
ޕޮޑޮލްސްކީގެ ފައިގެ ފަލަމަސްގަޑަށް އަނިޔާވެފައި ވަނީ ހުސްވި މަހުގެ އޮގަސްޓު މަހުގެ ކުރީ ކޮޅު ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ކުޅުނު ޕްލޭ އޮފް ދެ ވަނަ މެޗުގައި ފެނަބާޗޭ އަތުން އާސެނަލް 2-0 ލަނޑުން މޮޅުވި މެޗުގަ އެވެ. އަދި ޕޮޑޮލްސްކީއަށް އަނިޔާވުމާގުޅިގެން އެދުވަހުގެ މެޗުގެ ފަހު ހާފުގެ ކުރީކޮޅު ސްޓްރެޗާގައި އޭނާ ވަނީ ދަނޑުން ބާލައިފަ އެވެ.
އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައިހުރި ޕޮޑޮލްސްކީ އަލުން ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށުމުން ކޯޗް އާސީން ވެންގާ ވަނީ އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
ކޯޗް ވެންގާ ބުނީ، ސީޒަންގައި އާސެނަލްއަށް ދެން އޮތީ ވަރަށް މުހިންމު މެޗްތަކެއް ކަމަށާއި، އަންނަ ހޮނިހިރު ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުގައި ޕޮޑޮލްސްކީ ފެންނާނެ ކަމަށް އުންމީދު ކުރާކަމަށެވެ.
ލިވަޕޫލާ ދެކޮޅަށް އަންނަ އަންގާރަ ދުވަހުގެ ރޭ އާސެނަލް ކުޅޭ މެޗް ފަށާނީ ރާއްޖެ ގަޑިން 10:30ގަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނަ މަގާމްގައި 22 ޕޮއިންޓައެކު އާސެނަލް އޮތްއިރު ދެ ވަނަ މަގާމްގައި 20 ޕޮއިންޓާއެކު އޮތީ ޗެލްސީ އެވެ. އަދި ލީގުގެ ތިން ވަނަ މަގާމްގައި އޮތް ލިވަޕޫލަށް ވެސް ލިބިފައި ވަނީ 20 ޕޮއިންޓެވެ. ޗެލްސީއަށް ކުރި ލިބެނީ ގޯލުގެ ތަފާތުން ކުރި ހޯދާފައި ވުމުންނެވެ.