31 Oct 2013, 14:05
އެމެރިކާގެ ފުލޮރިޑާގައި ހިނގި ފޭރުމުގެ ހާދިސާއެއްގައި ފިހާރައެއްގެ މުއައްޒަފެއްގެ ގަޔަށް އަމާޒުކޮށް ޖެހި ވަޒަން އޭނާގެ ގަޔަށް ނާރައި ސަލާމަތްވީ ގަމީހުގެ ޖީބުގައި ފޯނު އޮތުމުން ކަމަށް ފުލޮރިޑާގެ ވިންޓާ ގާޑަން ޕޮލިސް ޑިޕާޓްމަންޓުން ބުނެފި އެވެ.
ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހު ހިނގި އެ ހާދިސާގައި ފުލޮރިޑާގެ އޮރުލަންޑޯގެ ކައިރީގައި ހުންނަ ގޭސް ސްޓޭޝަން އަދި ފިހާރަ އަށް ހަމަލާދީފައި ވަނީ އެންމެ މީހެއް ކަމަށެވެ. ފިހާރާގައި މަސައްކަތް ކުރާ ފިރިހެން އަދި އަންހެން މުއައްޒަފަކަށް ބިރުދައްކައިގެން ތިޖޫރީ ހުޅުވަން މަސައްކަތްކޮށްފައި ވަނީ ފިސްތޯލައެއް ހިފައިގެން ހުރި މީހެއް ކަމަށް ފުލުހުން ބުނެ އެވެ.
"މުއައްޒަފުން ތިޖޫރީ ހުޅުވަން އުޅުނު. އެކަމަކު ނުހުޅުވުމުން ހަމަލާދިން މީހާ ދިޔައީ ފިހާރައިން ނުކުންނަން. ދަމުން އޭނާ ބަޑި ޖެހީ،" ވިންޓާ ގާޑަން ޕޮލިސް ޑިޕާޓްމަންޓުގެ ލިއުޓްނަންޓް ސްކޮޓް އެލަން ބުންޏެވެ.
މި ހާދިސީ ހިނގި އިރު ސަލަމާތީ ސަބަބުތަކަށް ޓަކައި ނަން ހާމަކޮށްފައި ނުވާ ފިރިހެން މުއައްޒަފުގެ ގަމީހުގެ ޖީބުގައި އޭނަގެ ފޯނު އޮތް ކަމަށްވެ އެވެ.
ބަޑި ޖެހުމަށް ފަހު އޭނާ ބެލި އިރު، ގަޔަށް ވަޒަނެއް އަރާފައި ނުވާތީވެ އެކަމާ އަޅާނުލާ ހުރުމަށް ފަހު، ފުލުހުންގެ ސަމާލުކަން އޭނާ އަށް ދިޔައީ މޭގައި ރިއްސާ ކަމަށް ޝަކުވާ ކުރުމުން ނެވެ. އޭގެ ފަހުން ޕެރަމެޑިކުން ބެލި އިރު، ވަޒަން ފޯނަށް އަރާ، ފޯނުގައި ތާށިވެފައިވާ ކަން އެނގުނު ކަމަށް ފުލުހުން ބުނެ އެވެ.
"ބަޑި ޖެހުމުން، ދެމުއައްޒަފުން ވެސް ބެލި ގަޔަށް ވަޒަން އެރިތޯ. ނަމަވެސް އަރާފައިނުވާތީ އަޅާނުލާ ތިބީ. ދެން ފަހުން ފުލުހުން ސީންގައި ހަރަކާތްތެރިވަމުން ދަނިކޮށް ފިރިހެން މުއައްޒަފު މޭގައި ރިއްސާ ކަމަށް ބުނި. ދެން ޕެރަމެޑިކުން ބެލީ. ބެލުމުން އެނގުނީ ވަޒަން އެރީ ގަމީހުގެ ޖީބުގައި އޮތް ފޯނަށް ކަން." އެލަން ބުންޏެވެ.
މިމީހާ އަށް އެއްވެސް އިތުރު ގެއްލުމެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ.