ރިޔާސީ އިންތިހާބަށް ރަޖިސްޓްރީ ކުރަން ހެށަހެޅި ފޯމްތަކުގެ ތެރެއިން 500 ފޯމް ޗެކު ކުރި އިރު 11 ފޯމެއްގެ ފިންގާ ޕްރިންޓް ދިމާނުވާ ކަމަށް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނެފި އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން ޑީއެންއާރްގެ ޑިރެކްޓަރު ފަރީދާ ޔޫސުފް މިއަދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މިހާތަނަށް އެ ޑިޕާޓްމެންޓަށް ފޮނުވާފައިވާ ވަނީ 500 ފޯމްގެ ފިންގާ ޕްރިންޓް ވެރިފައި ކުރުމަށް ކަމަށެވެ. އަދި އެ ހުރިހާ ފޯމްތަކެއްގެ ފިންގާ ޕްރިންޓް ޕޮލިސް ސާވިސް މެދުވެރިކޮށް ވެރިފައި ކުރުމަށް ފަހު އިލެކްޝަންސް ކޮމިޝަނާ ހަވާލު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިހާތަނަށް އިލެކްޝަންސް ކޮމިޝަން އިން ފޮނުވާފައި ވަނީ 500 ފޯމްގެ ފިންގާ ޕްރިންޓް ވެރިފައި ކުރުމަށް. އަޅުގަނޑުމެން ފުލުހުން މެދުވެރިކޮށް އެ ހުރިހާ ފޯމްތަކެއްގެ ފިންގާ ޕްރިމްޓް ވެރިފައި ކުރުމަށް ފަހު އިއްޔެ ވާނީ އިލެކްޝަންސް ކޮމިޝަނާ ހަވާލު ކޮށްފައި. އެ ފޯމްތަކުގެ ތެރެއިން ރިޖެކްޓް ވެފައި ވަނީ 11 މީހުންގެ ފޯމް،" ފަރީދާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފިންގާ ޕްރިންޓް ވެރިފައި ކުރުމަށް ފަހު ފުލުހުން ތައްޔާރުކޮށްފައިވާ ރިޕޯޓް ވެސް އިލެކްޝަންސް ކޮމުޝަނާ ހަވާލުކޮށްފައިވާނެ ކަމަށެވެ.

ފަރީދާ ވިދާޅުވީ ރިޖެކްޓް ކުރި 11 ފޯމް ރިޖެކްޓްކޮށްފައި ވަނީ ކޮން ސަބަބަކާ ހުރެ ކަން އެ ޑިޕާޓްމެންޓަށް ނޭނގޭ ކަމަށެވެ. އަދި އެ ފޯމްތަކުގައި ފިންގާ ޕްރިންޓް ދިމާނުވަނީ ފޯމްގެ ވެރިފަރާތުގެ ފިންގާ ޕްރިންޓްތޯ ނުވަތަ ހެކިންގެ ފިންގާ ޕްރިންޓްތޯ އެ ޑިޕާޓްމެންޓުން ބަލާފައި ނުވާނެ ކަމަށެވެ. އަދި އެ މަސައްކަތަކީ އިލެކްޝަންސް ކޮމިޝަންގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ކަމާ ގުޅިގެން ފުލުހުން ތައްޔާރު ކޮށްފައިވާ ރިޕޯޓް ކޮމިޝަނަށް ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފިންގާ ޕްރިންޓް ވެރިފައި ކުރަން ފޮނުވި ފޯމްތަކާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ ޑީއެންއާރަށް ފޮނުވި ހުރިހާ ފޯމްތަކެއް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އަދި ރިޖެކްޓްވި 11 ފޯމްގެ ވެރިފަރާތަށް އެ ކޮމިޝަނުން ގުޅައި އެ ފޯމްތަކުގެ ސައްހަކަން ބަލާފައިވާ ކަމަށެވެ. އެގޮތުން އެ ފޯމްތަކުގައި ސޮއިކޮށްފާ ފަރާތްތަކީ ފޯމްގެ ވެރިފަރާތްތޯ ސާފުކުރުމަށް ފަހު އެކަން ކަށަވަރު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.