31 Oct 2013, 13:26
ދައުލަތުގެ ބަންޑާރަ ނައިބުގެ މަގާމު ހުސްވެފައި ވާތީ ދައުލަތުގެ ފަރާތުން ކުރާ ދައުވާތަކާއި ދައުލަތަށް ރައްދުވާ މައްސަލަތަކުގެ ދައުވާތަކުގެ ޝަރީއަތްތައް ސިވިލް ކޯޓުން މަޑުޖައްސައިލައިފި އެވެ.
ދައުލަތުގެ ބަންޑާރަ ނައިބުގެ މަގާމު ހުސްވެފައި މިވަނީ އެ މަގާމުގައި ކުރިން ހުންނެވި އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގައި ފާސްކޮށް، އެކަމަނާ އެމަގާމުން ދުރުކުރުމުންނެވެ.
ސިވިލް ކޯޓުން މިއަދު ބުނީ އެގޮތަށް ނިންމީ އެ ކޯޓުގައި ކުރިއަށް ގެންދާ މައްސަލަތަކުގެ ތެރެއިން ދައުލަތުގެ ބަނޑާރަ ނައިބަކު ނެތް ހާލަތެއް މެދުވެރިވެއްޖެ ނަމަ އެފަދަ މައްސަލަތަކާ މެދު އަމަލު ކުރާނެ ގޮތަކާ މެދު އެކޯޓުގެ ގާޒީންގެ އާއްމު މަޖިލީހުން މަޝްވަރާކުރުމަށް ފަހު ކަމަށެވެ.
ދައުލަތަށް ދައުވާލިބޭ އަދި ދައުލަތުން ދައުވާކުރާ މައްސަލަތައް މަޑުޖައްސާލާފައިވީ ނަމަވެސް އެއްވެސް ފަރާތެއްގެ ހައްގަކަށް އިޔާދަ ނުކުރެވޭ ފަދަ ގެއްލުމެއް ލިބިދާނެ ފަދަ މައްސަލައެއް ހުށަހެޅިއްޖެ ނަމަ އެފަދަ މައްސަލައެއް ބަންޑާރަ ނައިބަކު ނެތި ބެލޭނެ ކަމަށާއި އެފަދަ މައްސަލަތަކުގައި ގޮތް ކަނޑައެޅުމުގެ އިހުތިޔާރު މައްސަލަ ބަލާ ގާޒީ އަށް ލިބިގެންވާ ކަމަށް ވެސް އެކޯޓުން ބުންޏެވެ.