ދުނިޔޭގެ އެކި ގައުމުތަކުގެ ކުންފުނިތަކުން ކުރާ މަސައްކަތައް ބަލައި ވަޒަން ކުރާ ބައިނަލް އަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ބިޒްނަސް އިނިޝޭޓިވް ޑައިރެކްޝަންސް (ބީއައިޑީ) އިން ދޭ "ކޮލިޓީ ކޮމިޓްމެންޓް އެވޯޑް" ރާއްޖޭގެ ސައިރިކްސް ކޮލެޖަށް ލިބިއްޖެ އެވެ.

ސައިރިކްސް ކޮލެޖުން ބުނީ އެ ކުންފުންޏަށް އެވޯޑް ލިބުނީ ބީއައިޑީން ދުނިޔޭގެ ތަފާތު ކުންފުނިތަކަށާއި ޚިދުމަތްދޭ މުވައްސަސާތަކަށް އަމާޒުކޮށްގެން ދޭ ބައިނަލްއަގުވާމީ މި އެވޯޑް ސައިރިކްސް ކޮލެޖަށް ދިނުމުގައި ބަލާފައި ވަނީ QC100:TQMގެ މިންގަޑުތަކާއި އެއްގޮތަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދެމުން އަންނާތީ ކަމަށެވެ.
އަދި ބުނީ އެވޯޑް ލިބިފައި ވަނީ ބީއައިޑީގެ ފަންތިތަކުގެ ތެރެއިން "ގޯލްޑް ކެޓަގަރީ"ގެ ގޮތުގައި ފާހަގަކުރާ ފަންތީގައި ކަމަށެވެ.

ވޯލްޑް ކޮލިޓީ ކޮމިޓްމަންޓް އެވޯޑަކީ ބީއައިޑީ އިން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑް ލިބޭ ފަރާތްތައް ކަނޑައަޅަނީ، ބީއައިޑީގެ ތަޖުރިބާ ކާރުންގެ ކޮމިޓީއަކުންނެވެ. ބީއައިޑީއަކީ ތަފަތު ދާއިރާތަކުގެ ބައިނަލް އަގުވާމީ ތަޖުރިބާކާރުންގެ މައްޗަށް އެކުލެވެގިންވާ މުވައްސަސާއެކެވެ. އޭގެތެރޭގައި އިންޖިނިއަރސް، ފިޒިސްޓްސް، މެތަމެޓިޝަންސް، އިކޮނޮމިސްޓްސް، ސައިކޮލޮޖިސްޓްސް، ޖާނަލިސްޓްސް، ޑިޒައިނަރސް އެންޑް އާކިޓެކްޓްސް، ރިސަރޗަރސް، ޔުނިވަރސިޓީސް، ޗެމްބަރ އޮފް ކޮމާސް އަދި އެމްބަސީތައް ހިމެނެ އެވެ. ބީއައިޑީގެ ހެޑް އޮފީސް ހުންނަނީ ސްޕެއިންގަ އެވެ.

މިއެވޯޑް ސައިރިކްސް ކޮލެޖަށް ލިބުނު އިރު މިއަހަރު ވަނީ ސީއެމްއޯ އޭޝިއާ އިން ދޭ އޭޝިއާގެ ބެސްޓް ބީ- ސްކޫލް އެވޯޑްގެ ތެރެއިން "އެޑިއުކޭޝަން ލީޑަރޝިޕް އެވޯޑް" ސައިރިކްސް ކޮލެޖުގެ ޗެއަރމަން އަޙުމަދު ޝަރީފަށް ލިބިފަ އެވެ. ދައުލަތުންދޭ އާއްމު ޚިދުމަތަށް ހިތްވަރުދިނުމިގެ އިނާމު ވެސް 2002 ވަނަ އަހަރު އެކޮލެޖަށް ލިބުނެވެ.