31 Oct 2013, 13:20
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރައްވާ އަމުރުތައް ތަންފީޒުކޮށް މަޖިލީހުގެ ގަވާއިދު ހިފެހެއްޓުމުގެ ޒިންމާ އުފުލާ "ސާޖަންޓް އެޓް އާމްސް"ގެ މަގާމަށް މަޖިލީހުން އިއްޔެ އައްޔަން ކުރެއްވި މ. މިލިއަން މުހައްމަދު ހަލީމް، މަގާމުގެ ޢަޙުދުގެ ލިއުމުގައި ސޮއި ކުރައްވައި މަޖިލީހުގެ ރައީސަށް ލިޔުން ހަވާލު ކުރައްވައިފި އެވެ.
ކުރީގެ ފަސްޓް ލެފްޓިނެންޓުގެ ރޭންކުގައި ސިފައިންގޭގައި މަސައްކަތްޕުޅު ކުރެއްވި ހަލީމް ސާޖަންޓް އެޓް އާމްސްގެ މަގާމުގެ އަހުދުގައި ސޮއި ކުރެއްވީ މިއަދު ހެނދުނު 10:00ގައި މަޖިލީހުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް އޭނާގެ މަގާމުގެ އަހުދުގެ ލިޔުން ހަވާލު ކުރެއްވުމުން ޝާހިދު ވަނީ ހަލީމަށް މަރުޙަބާ ވިދާޅުވެ ސާޖަންޓް އެޓް އާމްސްގެ މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ބެހޭގޮތުން ވާހަކަފުޅު ދެއްކަވާފަ އެވެ.
ސާޖަންޓް އެޓް އާމްސްގެ މަގާމަށް މަޖިލީހުން މިދިޔަ ހުކުރު ދުވަހު ކުރި އިއުލާންނަށް ކުރިމަތިލެއްވި ނުވަ ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވާ ކަމަށް އާންމު ކޮމެޓީން ނިންމި، ތިން ބޭފުޅުންގެ ތެރެއިން ހަލީމް ވަނީ އެންމެ މަތިން މާކްސް ހޯއްދަވާފަ އެވެ. އާންމު ކޮމެޓީގެ ސަބް ކޮމެޓީގެ ޕެނަލުން އިންޓަވިއުކުރެއްވުމުން ހަލީމަށް ލިބިވަޑައިގެންނެވީ 68 ޕަސެންޓް މާކުހެވެ.