01 Dec 2010, 10:57
އެފްރިކާގެ މަލަބޯގައި ހާލުގައި ޖެހިފައި އޮތް މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑް [އެމްއެންއެސްއެލް]ގެ ބޯޓްގެ ތިން ފަޅުވެރިއަކަށް މެލޭރިއާ ޖެހި އެ ބޯޓުގެ މެޑިކަލް އޮފިސަރުގެ ގައިން އެ ބަލީގެ އަލާމްތައް ފެނި ފަޅުވެރިންނަށް އެ ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވެއްޖެ ކަމަށް އެ މީހުން ބުނެފި އެވެ.
މޯލްޑިވްސް އެންޓާޕްރައިޒަސްގައި މެލޭރިޔާ ޖެހިފައިވާ ތިން މީހުންނަކީ ގއ. މާމެންދޫ ތަރިވިދާގޭ އިބްރާހިމް ނައީމް،35، އާއި ހދ. ނޮޅިވަރަމު ސަބުދެލިގޭ އިބްރާހިމް ނަސީރު، 26، އިތުރުން އެ ރަށު ފަހަލަ، އަހުމަދު ރަޝީދު، 45، ކަމަށް އެ ބޯޓުން ވާހަކަ ދެއްކި ފަޅުވެރިޔަކު ބުންޏެވެ. އަދި އެ ބޯޓްގެ މެޑިކަލް އޮފިސަރު އަދި އެމްއެންއެސްއެލްގެ ޗެއާމަން ސެންކޯ މުހައްމަދު ޝަރީފުގެ ދަރިފުޅު ޝަންމޫން ޝަރީފުގެ ހަށިގަނޑުން ވެސް މެލޭރިއާގެ އަލާމާތްތައް ފެނިފައިވާ ކަމަށް އޭނާ ބުންޏެވެ.
މެލޭރިއާ ޖެހިފައިވާ މީހުންގެ ތެރެއިން ހާލު ބޮޑުވެގެން މަލަބޯގެ ބާޓާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް އަހުމަދު ރަޝީދު ބަލި އެނދުގައި އޮވެ، ސަން އޮންލައިނަށް މައުލޫމާތު ދެމުން މިއަދު ބުނީ އޭނާއަށް ހޮސްޕިޓަލުން ލިބެންވާ މިންވަރަކަށް ފަރުވާ ނުލިބޭ ކަމަށެވެ. އަދި އެ ހޮސްޕިޓަލުގެ ގަވައިދުގެ ދަށުން އޭނާ ކައިރީގައި އެހީތެރިއަކަށް ވެސް ނުހުރެވޭ ކަމަށާއި އޭގެ ސަބަބުން ދަތިތަކެއް ކުރިމަތިވާ ކަމަށް އޭނާ ބުންޏެވެ.
އެ ބޯޓްގެ ފަޅުވެރިއެއް ކަމަށްވާ އަދި މަޝްހޫރު ތަބައްގޭ އަދުނާނު މިއަދު ބުނީ އެ ބޯޓް މިހާރު ބަނދަރުކޮށްފައި އޮތް މަލަބޯގައި ފެތުރެމުންދާ ނުރައްކާތެރި މެލޭރިއާގެ އަސަރު ފަޅުވެރިންނަށްކޮށްފައިވާ އިރު މެޑިކަލް އޮފިސަރުގެ ގައިން ވެސް އެ އަލާމްތައް ފެންނަން ހުރުމުން ބޯޓްގެ އިތުރު 15 ފަޅުވެރިންނަށް ވެސް އެ ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ބޯޓްގެ ކޮޓަރިތަކުގައި ވެސް އާދަޔާ ހިލާފަށް މަދިރި އުޅޭ ކަމަށާއި ފަޅުވެރިންނަށް އޭގެ އަސަރު ކުރަމުންދާ ކަމަށެވެ.
އެމްއެންއެސްއެލް އިން ވެސް ވަނީ މިއަދު އެކަން ސަންއެފްއެމްއަށް ކަށަވަރުކޮށްދެއްވައިފަ އެވެ. އެ ކުންފުނީގެ ޑިރެކްޓާ ޖެނަރަލް ހަސަން މަނިކު މިއަދު ވިދާޅުވީ އެ ބޯޓްގެ އެއް ފަޅުވެރިއަކަށް މެލޭރިއާ ޖެހިފައިވާ ކަމަށާއި ނަމަވެސް އިތުރު މީހަކަށް މެލޭރިއާ ޖެހިފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް އިތުރު ބަޔަކަށް އެ ބަލި ޖެހިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޯޓްގެ ފަޅުވެރިންގެ އަތުން ފައިސާ ހުސްވެފައިވާ އިރު، ހަސަން މަނިކު ވިދާޅުވީ އެ ބޯޓަށް ބޭނުންވާ ކާބޯތަކެތި މިއަދުގެ ވަގުތެއްގައި އެ ކުންފުނީގެ އެޖެންޓެއް މެދުވެރިންކޮށް ފޮނުވާނެ ކަމަށާއި ސިއްހީ ފަރުވާންދޭން ޖެހޭ ފަރާތްތަކަށް ފަރުވާ ވެސް ދެވޭނެ މަގު ތަނަވަސްކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި ބޯޓްގެ އިންޖީނު މަރާމާތުކޮށްގެން މި މަހުގެ ފަސް ވަނަ ދުވަހު ބޯޓް މާލެ އައުމަށް ފުރާނެ ކަމަށް ވެސް ހަސަން މަނިކު ވިދާޅުވި އެވެ.
އެފްރިކާގެ މަލަބޯގެ ބާޓާގައި އެ ބޯޓް ހާލުގައި ޖެހުނީ، ބޯޓްގެ އިންޖީނުގެ "ޓާބޯ ޗާޖަރު" ހަލާކުވެގެނެވެ. އަދި އެ ބޯޓުން މަލަބޯގެ ބާޓާގައި ތިން މަސް ވަންދެން އޮތުމުގެ ސަބަބުން ބޯޓުން ވަނީ ކާބޯތަކެތި ވެސް ހުސްވެފަ އެވެ.
ނޯޓް: ކުރީގެ ހަބަރުތަކުގައި "މޯލްޑިވްސް އެންޓާޕްރައިޒަސް" އޮތީ ޕަޕުއާ ނިއުގިނީގެ ބާޓާގައި ކަމަށް ބުނެވިފައި ވަނީ އެ ބޯޓްގެ ފަޅުވެރިން އެގޮތަށް މައުލޫމާތު ދީފައިވާތީ އެވެ. ނަމަވެސް އެ ފަޅުވެރިން ވެސް ފަހުން ކަށަވަރުކޮށްދީފައި ވަނީ ބޯޓް އޮތީ މަލަބޯގެ ބާޓާގައި ކަމަށެވެ. އެ ކުށަށް ކިއުންތެރިންގެ ކިބައިން މާފަށް އެދެމެވެ.