ހިތުގެ އޮޕަރޭޝަނަކަށް ފަހު ގައުމީ ފުޓްބޯޅަ ޓީމުގެ ޑޮކްޓަރު އަޙްމަދު ޝަކީބުގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

ލައްކާގައި ހުރި ޝަކީބުގެ ފިރިހެން ދަރިފުޅު މުޙައްމަދު ނަޝްޔާން (ޔާން) "ސަން" އަށް މިއަދު ބުނީ، ބައްޕަގެ ހިތުގެ އޮޕަރޭޝަނަށް ފަހު މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި ސާޖަރީގެ ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ.

"އަލްހަމްދުލިﷲ. ސާޖަރީގެ ހުރިހާ ކަމެއް ދިޔައީ ވަރަށް ރަނގަޅަށް. ބައްޕަގެ ހާލު އަންނަނީ ރަނގަޅުވަމުން،" ޔާން ބުންޏެވެ.

ޔާން ބުނީ ބައިޕާސް ހެދުމަށްފަހު މިވަގުތު ބައްޕަ އޮތީ އައިސީޔޫގައި ކަމަށާއި ދެ ދުވަސް ވަންދެން އައިސީޔޫގައި ބޭއްވުމަށް ފަހު ވޯޑަށް ބަދަލުކުރާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

ޝަކީބުގެ ހިތުގެ މައިނާރު ބްލޮކް ވެގެން އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު ބައިޕާސް ހެދުމަށް ލަންކާއަށް ގެންދިޔައީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ނަވަލޯކާ ހޮސްޕިޓަލްގައި ޝަކީބުގެ "އޯޕަން ހާޓް ސާޖަރީ" ހަދާފައި ވަނީ ޕްރޮފެސަރު ރިޗަޑް ސަލްދާނާ އެވެ.

ގައުމީ ޓީމުގެ ފިޒީޝަން ކައިރީގައި މިވަގުތު ލަންކާގައި ހުރި އެފްއޭއެމްގެ ޑައިރެކްޓާ އޮފް ނޭޝަނަލްޓީމްސް އަލީ ސުޒޭން "ސަން"އަށް ވިދާޅުވީ، ޝަކީބުގެ ހިތުގެ އޮޕަރޭޝަނަށް ގާތްގަނޑަކަށް ތިން ގަޑިއެއްހާއިރު ހޭދަވި ކަމަށާއި ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ.

"އިރާދަކުރެއްވިޔާ ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް ރަނގަޅަށް. ޝަކީބުގެ އޮޕަރޭޝަނަށް ގާތްގަނޑަކަށް ތިން ގަޑިއެއްހާ އިރު ނެގި،" ސުޒޭން ވިދާޅުވި އެވެ.

ޝަކީބުއަކީ ގައުމީ ޓީމަށާއި އަދި ރާއްޖޭގެ ކުޅިވަރުގެ އެހެނިހެން ދާއިރާތަކަށް ވެސް 1997 ވަނަ އަހަރުން ފެށިގެން ހިދުމަތް ކުރަމުން އަންނަ އޭޝިއާ ސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭ ސްޕޯޓްސް ފިޒީޝަނެކެވެ.

ފީފާ އާއި އޭއެފްސީގެ ކޯސްތަކުގައި ކިޔަވައިދެމުން ގެންދާ ކުޅިވަރުގެ ދާއިރާގައި "ޑޮކްޓަރު ނުވަނަ ޑޮކް"ގެ ނަމުން މަޝްހޫރު ޝަކީބަކީ ބޭސްވެރިކަމުގެ ދާއިރާގެ އިތުރުން ރާއްޖޭގެ ފިލްމީ ދާއިރާގައި ވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ހިދުމަތްތެރިއެކެވެ.