31 Oct 2013, 13:13
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނެޓް ބެންކިން އަށް ދިމާވި މައްސަލަތައް އަދި ވެސް މުޅިން ހައްލުނުވާ ކަމަށް އެ ބޭންކުގެ ބައެއް ކަސްޓަމަރުން ބުނެފި އެވެ.
"ސަން" އާ މައުލޫމާތު ހިއްސާކުރި ބައެއް ބޮޑެތި ވިޔަފާރި ކުންފުނިތަކުން ވާހަކަ ދެއްކެވި ބޭފުޅުން މިއަދު ވިދާޅުވީ ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އަށް ދިމާވެގެން އުޅޭ މައްސަލަތަކުގެ ސަބަބުން އެބޭފުޅުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވާތާ މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އެގޮތުން ބީއެމްއެލްގެ އިންޓަނެޓް ބެންކިން އަށް ލޮގިން ނުނެވޭ އިރު ބެލެންސް ވެސް ނުފެންނަ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ފިހާރަ އެކައުންޓުގައި ހަ ލަންކަ ވަރަކަށް ރުފިޔާ ހުންނާނެ، އެކަމަކު ބައްލަވާ މިހާރު މިފެންނަނީ 64،000 ރުފިޔާ ބެލެންސްގައި ހުންނަތަން،" ސަންގެ ނޫސްވެރިންނަށް ބީއެލްއެލްގެ އިންޓަނެޓް ބެންކިންގެ މައްސަލަތައް ހިއްސާކުރަމުން ވިޔަފާރިވެރިޔަކު ވިދާޅުވި އެވެ.
ބީއެލްއެލްގެ އިންޓަނެޓް އާ ބެހޭ ގޮތުން ސަން އާ ޝަކުވާ ހިއްސާކުރި ބައެއް ބޭފުޅުން ވިދާޅުވީ މިހާރު ގިނަ ފަހަރަށް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ޓްރާންސްފާ ނުހެދޭ ކަމަށެވެ. އަދި ލޮގިން ވުމަށް މައްސަލަތަކާ ދިމާވާ އިރު އެ ސިސްޓަމް ވަރަށް ސްލޯ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.
ނަމަވެސް ބީއެމްއެލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ބޭންކުގެ އިންޓަނެޓް ބޭންކިން އަށް ބޮޑެތި މައްސަލަތަކެއް ދިމާވެގެން އުޅޭ ކަމުގެ މައުލޫމާތެއް ނުލިބޭ ކަމަށާއި ބޮޑު މައްސަލައެއް އުޅޭ ނަމަ އެކަން ބޭންކަށް ގުޅުމުން ހައްލުކޮށްދޭނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މިހާރު އާންމު ގޮތެއްގައި ދިމާވެގެން އުޅޭ މައްސަލައަކީ ލޮގިން ވުމުގެ މައްސަލަތަކެއް ކަމަށާއި ބޭންކަށް ގުޅުމުންނާއި ފޭސްބުކާއި ޓުވިޓާ މެދުވެރިކޮށް ލޮގިންވުމުގެ ކަންކަން ހައްލުވާނެ ގޮތް ކަސްޓަމަރުންނަށް ބުނެދެމުންދާ ކަމަށެވެ.