31 Oct 2013, 12:58
އެމެރިކާގެ ކެލިފޯނިއާގެ ކުޑަ ސިޓީއެއް ކަމަށްވާ އާވިންޑޭލްގައި ހުންނަ ސޯސް ފެކްޓްރީގައި ކުރާ މަސައްކަތްތަކުގެ ސަބަބުން މިރުސް ދުމުގެ އަސަރުކުރާ ކަމަށް ބުނެ އެފެކްޓްރީ ބަންދުކުރަން ކޯޓުގައި އެދެފި އެވެ.
އެމެރިކާގެ އާއްމުންގެ މެދުގައި މަޝްހޫރު "ސާރައްޗާ" ބުރޭންޑުގެ ކުޅި ސޯސް އުފައްދާ ފެކްޓްރީގެ މައްސަލަ ކޯޓަށް ވައްދާފައި ވަނީ އާވިންޑޭލްގެ ސިޓީ ކައުންސިލުން ނެވެ. އާވިންޑޭލްގެ ކައުންސިލް އޮފިޝަލުން ބުނީ މާދަމާ އޮންނަ މި މައްސަލައިގެ އަޑުއެހުމުގައި މައްސަލަ ވަކި ގޮތަކަށް ނިމެންދެން ފެކްޓްރީ ވަގުތީ ގޮތުން ބަންދުކުރުމުގެ ކޯޓު އަމުރަކަށް އެދޭނެ ކަމަށެވެ.
އާވިންޑޭލްގެ ސިޓީ ކައުންސިލުން ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ސާރައްޗާގެ ފެކްޓްރީގައި ކުރާ މަސައްކަތްތަކުގެ ސަބަބުން މުޅި ސިޓީގައި މިރުސް ވަސް ދުވާ ކަމަށާއި އޭގެ ސަބަބުން އާއްމުންގެ ލޯ ހިރުވާ، ކަރުތެރެ ހަލާކުވުން ފަދަ ކަންތައްތަކާ ދިމާވެފައިވާ ކަމަށެވެ. އަދި މިކަންކަން ރަނގަޅުކުރަން އެދުމުން، އެފަދަ މައްސަލައެއް ނޫޅޭނެ ކަމަށް ފެކްޓްރީ އިން ބުނެފައިވާ ކަމަށް މައްސަލާގައި ބުނެފައިވެ އެވެ.
މިމައްސަލާގައި ސާރައްޗާ ހޮޓް ޕެޕާ ސޯސް އުފައްދާ ހުއި ފުންގް ފުޑްސްގެ ފަރާތުން އެކުންފުނީގެ ވެރިޔާ ޑޭވިޑް ޓްރެން ވިދާޅުވެފައި ވަނީ ފެކްޓްރީގެ އެގްޒޯސްޓުތަކުން ނުކުންނަ ދުން މިހާރު ވެސް ފިލްޓަރުކުރަމުންދާ ކަމަށާއި ދުން 100 ޕަސަންޓަށް ފިލްޓަރުކުރެވޭނެ ނިޒާމެއް ނެތް ކަމަށެވެ.
ޗައިނާ އިން އެމެރިކާ އަށް ހިޖުރަކުރި ޑޭވިޑް ޓްރެން މިކުންފުނި އުފައްދާފައި ވަނީ 1980 ގަ އެވެ.
އެމެރިކާގެ ލޮސް އެންޖެލީސް ޓައިމްސް އިން ބުނީ އާވިންޑޭލްގައި ހުންނަ ފެކްޓްރީއިން ސާރައްޗާ ހޮޓް ޕެޕާ ސޯސްގެ 200،000 ފުޅި ދުވާލެއްގެ މައްޗަށް އުފައްދާ ކަމަށެވެ.
ސާރައްޗާއަކީ އެމެރިކާގައި ވަރަށް މަގުބޫލް ސޯސް އެކެވެ. މިގޮތުން މިސޯސް ބޭނުންކޮށްގެން ކައްކާނެ ތަފާތު ގޮތްތަކުގެ ފޮތްތައް ޝާއިއުކުރެވިފައިވާ އިރު، މަޝްހޫރު ލޭސް ޕޮޓޭޓޯ ޗިޕްސްއިން ވަނީ ސާރައްޗާ ފުލޭވާގެ ޕޮޓޭޓޯ ޗިޕްސް ވެސް އުފައްދަން ފަށާފަ އެވެ.