ފ. އަތޮޅު ނިލަންދޫގައި ހުންނަ އެ އަތޮޅު ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި ބައި މިލިއަން ރުފިޔާ ވަގަށް ނަގައިފި އެވެ.

އެ ރަށު ކައުންސިލް އިދާރާގެ ރައީސް އިބްރާހިމް ނައީމު މިއަދު ސަން ވިދާޅުވީ ކައުންސިލް އިދާރާގައި ހުރި ތިޖޫރީ ފަޅާލައި އެ ތިޖޫރީގައި ހުރި ފައިސާތަކެއް ވަގަށް ނަގާފައި ވަނީ ރޭ 11 ގެ ފަހުން ކަމަށް ބެލެވޭ ކަމަށާއި ތިޖޫރީގައި ހުރި ފައިސާތައް ނަގާފައި ވަނީ ތިޖޫރީ ހަލާކުކޮށްލައިގެން ކަމަށެވެ.

ނައީމު ވިދާޅުވީ އެ ފައިސާތައް ނަގާފައި ހުރީ އޮފީހުގެ ކުޑަ ދޮރެއް ހަލާކުކޮށްލައިގެން ނޫނީ ހުޅުވިފައި ހުރި ކުޑަ ދޮރަކުން ވަދެގެން ކަމަށާއި ނަމަވެސް ތިޖޫރީ ހަލާލުކޮށްލުމަށް ބޭނުން ކުރި އެއްވެސް އެއްޗެއް އެތަނުގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިޖޫރީގައި ހުރީ އަތޮޅު ފިހާރައަށް ލިބޭ ދައުލަތުގެ ފައިސާ އާއި އަތޮޅު ކައުންސިލުން ދޭ އެކިއެކި ހިދުމަތްތަކަށް ލިބޭ ފައިސާ. ތިޖޫރީ ފަޅައިލައިގެން ފައިސާތައް ވަގަށް ނަގާފައި ވަނީ ހުޅުވިފައި ހުރި ކުޑަދޮރަކުން ވަދެ ގެން ކަމަށް ބެލެވޭ. ނަމަވެސް ކައުންސިލްގެ ދޮރުތައް އާއްމުކޮށް ހުންނާނީ ތަޅުލާފައި. ނަސީބު ކަން ދިމާކުރި ގޮތުން އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ މުސާރައަށްވާ ހަތަރު ލައްކައެއްހާ ރުފިޔާ ރަށަށް ގެނައީ ރޭފަތިހު އެހެން ނޫން ނަމަ އެ ފައިސާ ވެސް ހުންނާނީ އެ ތިޖޫރީގައި." ނައީމް ވިދާޅުވި އެވެ.

ފ. އަތޮޅު ކައުންސިލް އިދާރާގެ ތިޖޫރީ ފަޅައިލައި ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނެގި އެ ހާދިސާ ހިނގި އިރު އަތޮޅު ކައުންސިލް އިދާރާގައި ސެކިއުރިޓީ ގާޑެއް ނުހުންނަ ކަމަށް ނައީމް ވިދާޅުވި އެވެ. އަދި އެކަން ހަމަޖެއްސިފައި ނުވަނީ ދައުލަތުގެ ބަޖެޓުން އެކަމަށް ފައިސާ ނުލިބޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.