ސްޕެނިޝް ލީގުގައި ރޭ ސެވިއްޔާ އަތުން 3-7 ލަނޑުން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ރެއާލްއިންނެވެ. އެ ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ރެއާލް އަށް ކާމިޔާބު ކޮށްދިނީ ދުނިޔޭގެ ރެކޯޑް އަގަކަށް ރެއާލް މެޑްރިޑާ މި ސީޒަނުގައި ގުޅުނު ގެރެތު ބޭލް އެވެ. އަދި އޭނާ ވަނީ މެޗުގެ 27 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 ލަނޑަށް ބަދަލުކޮށްލާފަ އެވެ.

ދެ ލަނޑު ޖަހާ މެޗުގެ ލީޑް ރެއާލްއިން ނަގާފައި ވަނިކޮށް ސެވިއްޔާ އިން ވަނީ މެޗުގެ 38 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-1 ލަނޑަށް ބަދަލުކޮށްލާފަ އެވެ. އެލަނޑު ރެއާލް ކޮޅަށް ޖެހީ ރަކިޓެކް އެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު އެމެޗުގެ ތިން ވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ރޮނާލްޑޯ އެވެ. އަދި ރޮނާލްޑޯ ވަނީ ރޭގެ މެޗުގައި ހެޓްރިކް ހަދައިފަ އެވެ. ރެއާލްގެ ފަހު ދެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކަރީމް ބެންޒެމާ އެވެ.

މެޗުގައި ރެއާލް ކޮޅަށް ސެވިއްޔާއިން ޖެހި ދެ ވަނަ ލަނޑު މެޗުގެ 40 ވަނަ މިނެޓުގައި ބަކާ ކާމިޔާބު ކޮށްދިން އިރު، އެ ޓީމުގެ ތިން ވަނަ ލަނޑު 63 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ރަކިޓެކްއެވެ.

ރޭގެ މެޗުގެ 76 ވަނަ މިނެޓުގައި ސެވިއްޔާގެ އެމްބިއާ އަށް ދެއްކި ރަތްކާޑާ އެކު އެ ޓީމުން މެޗުގެ ބާކީ ބައި ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކު އެވެ.

ރޭގެ މޮޅާ އެކު ލީގްގައި ރެއާލް އޮތީ 25 ޕޮއިންޓާ އެކު ތާވަލުގެ ތިން ވަނައިގަ އެވެ. އެއް ވަނައިގައި 31 ޕޮއިންޓާ އެކު ރެއާލްއާއި އެންމެ ވާދަވެރި ބާސެލޯނާ އޮތްއިރު ދެ ވަނައިގައި 27 ޕޮއިންޓާ އެކު އޮތީ އެތުލެޓިކޯ މެޑްރިޑެވެ.