31 Oct 2013, 12:01
މާދަމާ ދައްކަން ފަށާ ހިންދީ ފިލްމެއް ކަމަށްވާ "ކްރިޝް 3"ގެ ލަވައެއް ރާއްޖޭގައި އާއްމުކުރުން ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން (އެންބީސީ)އިން މަނާކޮށްފި އެވެ.
އެބިއުރޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ފިލްމުގައި ހިމެނޭ "ގޯޑް ﷲ އައުރް ބަގުވާން" މި ލަވައަކީ ﷲ ގެ އެއްކައުވަންތަ ކަމާ މެދު ޝައްކު އުފެދޭ އިބާރާތްތައް ހިމެނޭ ލަވައެއް ކަމަށެވެ.
"..ހިންދުސްތާނު ފިލްމު ކްރިޝް3 ގައި ހިމެނޭ ގޯޑް ﷲ އައުރު ބަގުވާން މިލަވައިގައި އިސްލާމްދީނުގެ މައިގަނޑު އެއް އަސްލުކަމުގައިވާ ކީރިތި ﷲ ގެ އެއްކައުވަންތަކަމާ މެދު ޝައްކު އުފެދޭ އިބާރާތްތައް ހިމަނައިފައި ވުމުގެ ސަބަބުން މިލަވައަކީ ރާއްޖޭގައި ރާއްޖޭގައި އާއްމުކުރުން މަނާ ލަވައެއް ކަމުގައި ދަންނަވަމެވެ،" ބަޔާނުގައި ވެއެވެ.
ބަޔާނުގައި ވަނީ އެލަވައިގައި ހިމެނޭ ފަދަ ވާހަކަތައް ހިމެނޭ، އިސްލާމްދީނާ ހިލާފު އެއްވެސް އުފެއްދުމެއް ރާއްޖެ އެތެރެކުރުމާއި ގެންގުޅުމަކީ ވެސް މަނާކަމެއް ކަމަށެވެ. އަދި އެފަދަ އެއްޗެއް ރާއްޖޭގައި އުފެއްދުމާއި ވިއްކުމާއި ބްރޯޑްކާސްޓްކުރުމާއި ބެލުމަކީ ވެސް މަނާކަންތައްތައް ކަމަށެވެ.
"..މިފަދަ ވާހަކަތައް ހިމެނޭ، އިސްލާމްދީނާއި ޚިލާފު އެއްވެސް ފަންނީ އުފެއްދުމެއް ދިވެހިރާއްޖެއަށް އެތެރެކުރުމާއި ގެންގުޅުމަކީ ވެސް މުޅިން މަނާ ކަމެކެވެ. މީގެ އިތުރުން މިފަދަ އެއްވެސް އުފެއްދުމެއް ދިވެހިރާއްޖޭގައި ވިއްކުމާއި ބްރޯޑްކާސްޓްކުރުމާއި، ރީބްރޯޑްކާސްޓްކުރުމާއި ބެލުމާއި އަދި އެހެންމީހަކަށް ދެއްކުމަކީ ވެސް މިބިއުރޯގެ ގިންތި ކަނޑައެޅުމާއި ދަރަޖަކުރުމުގެ ގަވާއިދުގެ ދަށުން މަނާ ކަމެއްކަމުގައި ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.
މިއީ ފަހަކަށް އައިސް ރާއްޖޭގައި މިފަދަ ގޮތަކަށް ލަވައެއް ބެލުން މަނާ ކުރި ކަން މީޑިއާއަށް ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން އެންގި ފުރަތަމަ ފަހަރެވެ. ކްރިޝް 3ގެ ލަވަ އާއްމުކުރުން މަނާކުރީ އެލަވަ އިސްލާމްދީނުގެ އަގީދާއާ ހިލާފު ވާތީ ކަމަށް އެންބީސީން ބުނި އިރު، ރާއްޖޭގައި އާންމުވާ ހިންދީ ފިލްމުތަކެއްގާހެން ހިންދޫދީނުގެ އަޅުކަން ކުރުމުގެ މަންޒަރުތައް ވެސް ދައްކަ އެވެ.