31 Oct 2013, 12:07
އެމެރިކާގެ މަޝްހޫރު މެގަޒިން "ފޯބްސް" އިން ނެރެމުން އަންނަ ދުނިޔޭގެ އެންމެ ބާރުގަދަ މީހުންގެ ލިސްޓުގެ އެއްވަނައިން ރަޝިޔާގެ ރައީސް ވުލަޑްމިއޭރު ޕުޓިން ހޯއްދަވައިފި އެވެ.
ފޯބްސް މެގަޒިންގެ 2013 ވަނަ އަހަރުގެ ލިސްޓުގެ އެއްވަނަ ޕުޓިން ހޯއްދަވާފައި ވަނީ މިދިޔަ އަހަރު އެމަގާމު ހޯއްދެވި އެމެރިކާގެ ރައީސް ބަރަކް އޮބާމާ ދެވަނައަށް ވައްޓަވާލެއްވުމަށް ފަހުގަ އެވެ.
މިލިސްޓުގެ ތިން ވަނާގައި ވަނީ ޗައިނާގެ ރައީސް ޒީ ޖިންޕިންގް އެވެ. ހަތަރު ވަނާގައި އުޅެނީ ރޯމަން ކެތޮލިކް ޗާޗުގެ އެންމެ އިސް ފާދިރީ ޕޯޕް ފުރާންސިސް އެވެ. ފަސް ވަނާގައި ޖަރުމަނުވިލާތުގެ ޗާންސެލާ އެންގެލާ މާކެލްގެ ނަން ހިމަނާފައިވާ އިރު، ހަ ވަނަ ހޯދާފައި ވަނީ މައިކްރޯސޮފްޓް ކުންފުނީގެ ބާނީ އަދި މިހާރު ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަންގެ ޗެއާމަން ބިލް ގޭޓްސް އެވެ.
ލިސްޓްގެ ހަތް ވަނާގައި އުޅެނީ އެމެރިކާގެ ފެޑެރަލް ރިޒާވްގެ ޗެއާމަން ބިލް ބާނަންކޭ އެވެ. އަށް ވަނާގައި ސައުދީ އަރަބިއްޔާގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލް އަޒީޒް އަލް ސައުދު ހިމެނިފައިވާ އިރު، ނުވަ ވަނާގައި އުޅެނީ ޔޫރަޕިއަން ސެންޓްރަލް ބޭންކުގެ ރައީސް މާރިއޯ ޑުރާގީ އެވެ. ލިސްޓުގެ ދިހަ ވަނާގައި އުޅެނީ މަޝްހޫރު ވިޔަފާރި ކުންފުނި ވޯލް-މާޓްގެ ސީއީއޯ މައިކަލް ޑިއުކް އެވެ.
ވޭތުވެދިޔަ ތިން އަހަރު ވެސް ފޯބްސްގެ އެންމެ ބާރުގަދަ މީހުންގެ ލިސްޓުގެ އެއްވަނަ ހޯދަމުން އައި އޮބާމާ އަށް މިމަގާމް މި އަހަރު ގެއްލުނީ ރަޝިޔާގައި ޕުޓިންގެ ބާރު ގަދަވަމުންދާ އިރު އެމެރިކާގައި އޮބާމާގެ ބާރު ކެނޑެމުންދާތީވެ ކަމަށް އެމެގަޒިނުން ބުނެ އެވެ.
މިގޮތުން ސޫރިޔާގެ މައްސަލާގައި އެމެރިކާ އަދި ރަޝިޔާ އިން ކުޅުނު "ރާޒުވާ މެޗަށް" ބަލާއިރު އެމެރިކާ އިން ސޫރިޔާ އަށް ހަމަލާދޭން އުޅެނިކޮށް އެދޭތެރެއަށް ވަދެ، އެކަން ސުލްހަވެރިކަމާ އެކު ހައްލުކުރާނެ ގޮތެއް ހޯދައި ދިނީ ރަޝިޔާ އިން ކަން ފޯބްސް އިން ފާހަގަކުރެ އެވެ. އަދި އެމެރިކާގެ ސިއްރު ޖާސޫސީ މައުލޫމާތުތަކެއް ލީކުކޮށްލި އެގައުމުގެ ޖާސޫސީ އިދާރާ ސީއައިއޭގެ އެނަލިސްޓް އެޑްވާޑް ސްނޯޑެންއަށް ރަޝިޔާ އިން ރައްކާތެރިކަމާއި ހިމާޔަތް ދިނުމަކީ ވެސް އެމެރިކާގެ މައްޗަށް ރަޝިޔާ އިން ހޯދި ކާމިޔާބެއް ކަމަށް ފޯބްސްއިން ބުނެ އެވެ.
ފޯބްސް އިން ބުނީ ވޭތުވެ ދިޔަ 12 އަހަރު ރަޝިޔާގެ ސިޔާސީ މަޝްރަހުގެ އެންމެ އިސް މީހާގެ ރޯލް ކުޅުމަށް ފަހު ދެވަނަ ފަހަރަށް އެމަގާމަށް އިންތިހާބުވި ޕުޓިން ވަނީ ޕުޓިންގެ ސަރުކާރުގެ ބާރުގަދަކޮށް ބާރު ދަމަހައްޓާފައި ކަމަށެވެ.
އެމެރިކާ އަށް ބަލާއިރު ބަޖެޓްގެ މައްސަލާގައި ސަރުކާރު ހުއްޓުމަކަށް އައި މައްސަލައާއި އެހެން މައްސަލަތަކާ ހެދި އެމެރިކާގައި ވެސް އޮބާމާގެ ބާރު ކެނޑެމުންދާ ކަމަށް ފޯބްސް އިން ބުނެ އެވެ.