ރާއްޖޭގައި މާލީ ގާނޫނު ހިންގޭނީ ރައްޔިތުންގެ މަޖިލިސް ސާފުތާހިރު ވެގެން ކަމަށް މާލިއްޔަތު ކޮމެޓީގެ މުގައްރިރު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ހިއްސާވާ މެރީޑިއަމް ސާވިސުން އެސްޓީއޯގެ 19.3 މިލިއަން ރުފިޔާގެ ތެލަށް ހިޔާނާތްވެފައިވާ ކަމަށް ބުނާ މައްސަލައާގައި މާލިއްޔަތު ކޮމެޓީގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ މަޖިލިސް މެންބަރަކު ހިޔާނާތްތެރިވެފައިވާ ނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް އެ ކޮމެޓީން ނިންމާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ހިޔާނާތްވެފައިވާ މެމްބަރުންގެ މައްސަލަ ކޮމެޓީން ބަލާނެ ކަމަށާއި ރާއްޖޭގައި މާލީ ގާނޫނު ހިންގޭނީ ރައްޔިތުންގެ މަޖިލިސް ސާފުތާހިރު ވެގެން ކަމަށް ޖާބިރު ވިދާޅުވި އެވެ.

"ފުރަތަމަ ބަލަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މިފަދަ ކަންކަން ކޮށްފައިވާ މެމްބަރުންގެ މައްސަލަތައް، ރައްޔިތުންގެ މަޖިލިސް ސާފުތާހިރުވެގެނޭ މާލީ ގާނޫނު ހިންގޭނީ މި ރާއްޖޭގައި،" މާލިއްޔަތު ކޮމެޓީގެ މުގައްރިރު ވިދާޅުވި އެވެ.

މާލިއްޔަތު ކޮމެޓީ އިއްޔެ ފައްޓަވަމުން، ކޮމެޓީގެ މެންބަރުންނަށް ޖާބިރު އިލްތިމާސް ކުރެއްވީ އެއްވެސް މެމްބަރަކު ޒާތީނުވެ މެރީޑިއަމްގެ މައްސަލަ ބެލުމުގައި ބައިވެރިވުމަށެވެ. ކޮމެޓީން ބަލަމުންދާ މައްސަލައަކީ ރިޔާޒު ރަޝީދުގެ މައްސަލައެއް ނޫން ކަމަށާއި އެއީ މެރީޑިއަމްގެ މައްސަލައެއް ކަމަށް ވިދާޅުވެ، ޒާތީ ނުވުމަށް ޖާބިރު ތަކުރާރުކޮށް މެންބަރުންނަށް ނަސޭހަތްތެރި ވެވަޑައިގެންނެވި އެވެ.

ޖާބިރު އެ އިލްތިމާސް ކުރެއްވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކޮމެޓީގައި ހިމެނިވަޑައިގަންންނަވާ މެރީޑިއަމްގެ ހިއްސާދާރު ރިޔާޒު ރަޝީދާއި ޖާބިރާ މެދު ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށް "އަވަގުރާނަ" ގޮވި އެވެ. މުގައްރިރާއި ރިޔާޒު ރަޝީދާ ދެމެދު ހިނގި ޒުވާބުގައި އެއް މެމްބަރަކު އަނެއް މެމްބަރަކަށް ވަގަށް ގޮވި އެވެ.

ޖާބިރު ވިދާޅުވީ އޭނާ ތަނެއްގައި އިށީންނާނީ ރިޔާޒު ރަޝީދުގެ މެމްބަރު ކަމުގެ ގޮނޑި ހުސްކޮށްލާފައި ކަމަށެވެ. "ރިޔާޒް ކަލޭގެ ގޮނޑި ހުސްކޮށްލާފައި މަ ތަނެއްގައި އިށީންނާނީ" ޖާބިރު ވިދާޅުވި އެވެ.

ރައްދުގައި ރިޔާޒު ރަޝީދު ވަނީ ހދ. ހޮޑައިދޫގައި ރާ ބޮއެއް މަސްތުވީ ކަމަށް ބުނާ މައްސަލާގައި ޖާބިރުގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އިޝާރާތްކޮށް އޭނާއަށް މަލާމާތް ރައްދުކޮށްފަ އެވެ. "މިއީ ޔޫރިން ނުދީ ފިލައިގެން އުޅޭ މީހެއް،" ޖާބިރަށް ނިސްކަތްކޮށް ރިޔާޒު ރަޝީދު ވިދާޅުވި އެވެ.

އެހެން ބުނުމާ އެކު ޖާބިރު އަތުގެ އިޝާރާތަކަށްފަހު، ވިދާޅުވީ މިހެންނެވެ. "މި އޮތީ ޒބ ކަހާލާފަ ކަލޭ ބއބލ،" ކަމަށެވެ.