މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރާ ހަވާލުކުރުމުގައި ހުރި ތަފާތު ޤާނޫނީ މައްސަލަތަކާއި އެ އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ކަމަށް ބެލެވޭ މާލީ ގެއްލުންތައް ފާހަގަކޮށް އިދިކޮޅު އިއްތިހާދުން ރާއްޖޭގައި ހުރި ބޭރު އެމްބަސީތަކަށާއި ބޭރުގެ ބޭންކުތަކަށް ރިޕޯޓެއް ފޮނުވައިފި އެވެ.


މިދިޔަ ހޯމަ ދުވަހު ބޭރުގެ މީޑިއާއާ ވެސް ހިއްސާކޮށްފައިވާ މި ރިޕޯޓުގައި، މައި އިދިކޮޅު ހަތަރު ޕާޓީ ކަމުގައިވާ ޖުމްހޫރީ ޕާޓީ އާއި ޕީޕަލްސް އެލައަންސް (ޕީއޭ) އާއި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ އިތުރުން ގައުމީ ޕާޓީން ވަނީ ބައިވެރިވެފަ އެވެ.


އެގާރަ ސަފުހާގެ އެ ރިޕޯޓުގައި ޖީއެމްއާރާ އެއާޕޯޓް ހަވާލުކުރުމުގެ އެއްބަސްވުމުގައި ހިމެނޭ ޤާނޫނީ މައްސަލަތަކުގެ އިތުރުން، އެއާޕޯޓް ހަވާލުކުރުމުގެ ކުރިން ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެކަމާ ގުޅިގެން ހިނގި އެކި ކަންތައްތަކާ އަދި އެ އެއްބަސްވުމުގައި ހިމެނޭ ފިނޭންޝަލް ރިސްކްތަކާއި އަދި އެތިކަލް މައްސަލަތައް ވެސް ފާހަގަކޮށްފައިވެ އެވެ.


އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ، އެއާޕޯޓް ހަވާލުކުރުގެ ކުރިން ދައުލަތަށް އެންމެ ފައިދާ ކުރަމުން އައި ދެ ކުންފުނި ކަމުގައިވާ ދިރާގާއި ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ މެޖޯރިޓީ ހިއްސާ ވިއްކާލައިގެން ދައުލަތަށް 3.88 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށެވެ. އަދި 25 އަހަރު ދުހަވަށް ޖީއެމްއާރަށް އެއާޕޯޓު ކުއްޔަށްދިނީ، މާލީ އެފަދަ ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުމާ ނުލައި ސަރުކާރުގެ އެއްވެސް މުދަލެއްގެ މުއާމަލާތެއް ކޮށްގެން ނުވާނެ ގޮތަށް މާލިއްޔަތުގެ ޤާނޫނަށް އިސްލާހު ގެނައިތާ ދެގަޑިއިރު ވެސް ނުވަނީސް ކަމަށް އެ ރިޕޯޓުގައިވެ އެވެ.


އަދި އެއާޕޯޓް އޭރު ހިންގަމުންދިޔަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ބޯޑު ބަދަލުކުރުމަށް ފަހު އެ އެއްބަސްވުމުގައި ސޮއިކުރި މައްސަލައަށް އަލިއަޅުވާލައި، އިދިކޮޅު އިއްތިހާދުން ބުނެފައި ވަނީ، އެއީ ކުންފުނިތަކުގެ ޤާނޫނާ ޚިލާފަށް ސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށެވެ. 


ޖީއެމްއާރު މައްސަލާގައި އޭރު އެމްއޭސީއެލްގެ ބޯޑުގެ ޗެއާމަނަކަށް ހުންނެވި އިބްރާހިމް ނޫރައްދީން ވަނީ އިސްތިއުފާވެސް ދެއްވައިފަ އެވެ.


އެއާޕޯޓް އެއްބަސްވުމުގައި އަވަސްވެގަނެގެން ސޮއިކުރީ، އެކަން ހުއްޓުވުމަށް އިދިކޮޅު ޕާޓީތަކުން އެކީ އެއްބަސްވެ، ގަރާރެއްގައި ސޮއިކޮށްފައި ވަނިކޮށް ކަމަށާއި އަދި އިދިކޮޅު މެމްބަރުން މަޖިލީހުގެ ތެރެއިން ޕްރައިވެޓައިޒޭޝަނާ ބެހޭ ބިލެއް ފާސްކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް ވެސް އިދިކޮޅު އިއްތިހާދުން ފާހަގަކުރެ އެވެ.


އަދި ޖީއެމްއާރާ އެކު އެއްބަސްވުމުގައި ސޮއިކުރިތާ އެއް ދުވަސް ފަހުން، މަޖިލީހުން އެއްބާރުލުން ނުދޭ ކަމަށް ބުނެ މުޅި ކެބިނެޓު އިސްތިއުފާދިން މައްސަލަ ފާހަގަކޮށް، އިދިކޮޅު އިއްތިހާދުން އެ ރިޕޯޓުގައި ބުނެފައި ވަނީ، އެގޮތަށް ކެބިނެޓުން އަމަލުކުރީ، އެއާޕޯޓް އެއްބަސްވުމާ ގުޅޭ މައްސަލައަށް މަޖިލީހުގައި ބަހުސް ނުކުރެވޭނެ ގޮތަށް ހެދުމުގެ މަގުސަދުގައި ކަމަށެވެ. އަދި އެދުވަސްވަރު މައި އިދިކޮޅު ލީޑަރުން ކަމުގައިވާ ޕީއޭގެ ރައީސް އަބްދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް ޤާނޫނާ ޚިލާފަށް ހައްޔަރުކުރީ ވެސް އެ މަގުސަދުގައި ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.


މީގެ އިތުރުން ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ޓެކްސްގެ ޤާނުނެއް ނެތް އިރު، އެއާޕޯޓް ބޭނުންކުރާ ކޮންމެ ފަސިންޖަރެއްގެ އަތުން 27 ޑޮލަރު ނެގުމަކީ ވެސް އެއާޕޯޓްގެ އެއްބަސްވުމަށް ޤާނޫނީ ގޮތުން ޗެލެންޖް ކުރެވޭނެ ކަމެކެވެ. އަދި އެއާޕޯޓް ތަރައްގީ ކުރުމަށް ނަގާ ލޯނުތަކަށް ދިވެހި ސަރުކާރުން ގެރެންޓީ ދޭ ގޮތަށް ހަމަޖައްސާފައިވާ އިރު، އެއީ ޤާނޫނީ ގޮތުން ބަލާއިރު މަޖިލީހުގެ ރުހުމާ ނުލައި ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އިދިކޮޅު އިއްތިހާދުން ފާހަގަކޮށްފައިވެ އެވެ.


އަދި އެ އެއްބަސްވުމުގެ ފަހަތުގައިވާ ކޮރަޕްޝަނުގެ މައްސަލަތަކުގެ ގޮތުގައި ކޯޓަށް ދިޔުމުން ވެސް ސަރުކާރުން އެއްބަސްވުން އާއްމު ނުކުރި މައްސަލަ އާއި އަދި އެއާޕޯޓުގެ ޑިއުޓީ ފްރީގައި ފިނޭންސް މިނިސްޓާ އަލީ ހާޝިމާއި އަދި ޕްރައިވަޓައިޒޭޝަން ކޮމިޓީގެ ރައީސް މަހްމޫދް ރާޒީގެ ހިއްސާ އޮންނަ ވިޔަފާރިތައް ހިންގަމުންދާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.


އެ ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ، އެއާޕޯޓުގެ އެއްބަސްވުން އުވިގެންދިޔުމުގެ ޖާގަ ވަރަށް ފުޅާ ކަމަށެވެ. އެގޮތުން އެ މައްސަލަ ޝަރުއީ މަރުހަލާތަކުގައި ހިނގަމުންދާ ކަމަށާއި އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އެއްބަސްވުމާ ގުޅޭ މައްސަލަތަކެއް ތަހުގީކުރަމުންދާ ކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.


އަދި އެއާޕޯޓް އަނބުރާ ހޯދުމަށްޓަކައި މަޖިލިސް ތެރެއިން ފާސްކުރަން ޖެހޭ ބިލެއް ފާސްކުރުމަށް ބޭނުންވާ އަޣުލަބިއްޔަތު ވެސް އިދިކޮޅު ފަރާތްތަކަށް އެބަ އޮތް ކަމަށް ވެސް ރިޕޯޓުގައިވެ އެވެ. އެހެންކަމުން މިހުރިހާ ސަބަބުތަކާ ހުރެ، އެއާޕޯޓް ތަރައްގީ ކުރުމަށްޓަކައި ފައިނޭންސް ހޯދުމުގައި "ރިސްކް"ތަކެއް އެބަހުރި ކަމަށް ވެސް އިދިކޮޅު އިއްތިހާދުން ފާހަގަކުރެ އެވެ.