31 Oct 2013, 10:47
ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާ އެކު ދިވެއްސަކާއި ދެ ބިދޭސީއަކު މާލެއިން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 41 އަހަރުގެ ދިވެއްސަކާއި 33 އަހަރުގެ ދެ ބިދޭސީން ކަމަށާއި އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި މާލޭ ފަޅުގައި އޮތް ދޯންޏަކުން ރޭ 7:25 ހާއިރުކަމަށެވެ.
އެ މީހުން ހައްޔަރުކޮށް އެމީހުން ތިބި ދޯނި ބަލައިފާސްކުރި އިރު އެ ދޯނީގެ ވަތު ތެރެއިން 48 ފުޅި ބަނގުރަލާއި ހަތަރު ޕެކެޓް ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.