ޕަސްކޯލް ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގައި އިއްޔެ ހަވީރު ކްއީން ސްޕޯޓްސް ކްލަބާއި ވާދަކޮށް ފަސޭހަ ކަމާއެކު ސީދާ ތިން ސެޓުން ވެލޯޒިއާ މޮޅުވެއްޖެ އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި ކުޅުނު މެޗު ވެލޯޒިއާ ކާމިޔާބުކުރީ ފުރަތަމަ ސެޓް 25-12 ދެވަނަ ސެޓް 25-16 އަދި ތިންވަނަ ސެޓް 25-22 އިން ނެވެ.

އިއްޔެގެ މެޗުގައި މޮޅުކުޅުންތެރިޔާގެ މަގާމް ހޯދީ ކްލަބް ވެލޯޒިއާގެ އާއިޝަތު ޝައްފާފު އެވެ.

ލީގު އުސޫލުން ކުރިއަށް ގެންދާ މި މުބާރާތުގެ ނަތީޖާއަށް ބަލާއިރު ކުޅުނު ދެމެޗުން ވެސް މޮޅުވެ ތާވަލްގެ އެއްވަނައިގައި މިހާރު އޮތީ ހަ ޕޮއިންޓާއެކު ޕޮލިސް ކްލަބެވެ. އަދި ދިވެހި ސިފައިންގެ ކްލަބާއި ކްލަބް ވެލޯޒިއާ ކޮންމެ ޓީމަކަށް ތިން ޕޮއިންޓް ލިބިފައިވާއިރު އައިލެންޑް އޯޝަން ކްލަބާއި ކުއީން ސްޕޯޓްސް ކްލަބަށް ޕޮއިންޓެއް ނުލިބެ އެވެ.

މި މުބާރާތުގައި މިއަދު ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ހަވީރު 4:30ގައި ކުޅެން ހަމަޖެހިފައިވާ މެޗުގައި ވާދަކުރާނީ ސިފައިންނާއި އައިލެންޑް އޯޝަން ކްލަބެވެ. އަދި ރޭގަނޑު 8:30ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ވާދަކުރާނީ ޕޮލިހާއި ވެލޯޒިއާ އެވެ.