ރެކޯޑް އަހަރެއްގެ ގޮތުގައި މިއަހަރުގެ ސީޒަން ނިންމާލުމަށް ފަހު، އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަނަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން އާ ކޯޗަކު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ނިއުގެ އިސް އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، އަންނަ އަހަރުގެ ސިޒަނަކީ ވެސް ވާދަވެރި އަދި އެހާމެ ފޯރިގަދަ ސީޒަނަކަށް ވާނެ ކަމަށާއި މިހާރު އެ ކުލަބުން އާ ބާރަކާއެކު މަސައްކަތް ފަށާފައިވަނީ ހުސްވެފައިވާ ހެޑް ކޯޗުގެ މަގާމަށް އާ ކޯޗަކު ހޯދުމުގެ މަސައްކަތް ކަމަށެވެ. އަދި އަންނަ ސީޒަނުގައި ވެސް ޓީމަށް ހަމަޖައްސަން ނިންމާފައި ވަނީ ބޭރުގެ ތަޖުރިބާކާރު ކޯޗެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އަންނަ ސީޒަނަށް ކޯޗަކު ހޯދުމުގެ މަސައްކަތް ފަށައިފިން. ކްލަބަށް ކޯޗަކު ހަމަޖައްސާނީ ކްލަބުގެ ބޯޑުން. ކޯޗެއް ހަމަ ޖައްސާއިރު އެކޯޗެއްގެ ލީޑާޝިޕަށް ވަރަށް ބޮޑަށް ބަލާނަން. މިހާރު ވާހަކަ ދައްކަމުންދާ ކޯޗުންނަކީ ޔުއެފާ ޕުރޯ ލައިންސަން ލިބިފައިވާ ކޯޗުންން." އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ، ކުލަބުން ވާހަކަ ދައްކަމުން ގެންދާ ކޯޗުންގެ ތެރޭގައި ޖަރުމަނާއި ސްލޮވާކިޔާގެ ކޯޗުން ހިނެމޭ ކަމަށެވެ.

ނިއުއިން އަންނަ އަހަރުގެ ސީޒަނަށް ކޯޗަކު ހޯދުމުގެ މަސައްކަތް ފަށާފައި މިވަނީ، އެ ކްލަބުގެ ކުރީގެ ހެޑްކޯޗް ބަލްގޭރިއާގެ ވެލިޒާ ޕޮޕޯފް ކޯޗް ކަމުން ވަކިވެ، އޮމާން ޓީމަކާ ހަވާލުވެފައި ވަތީ އެވެ.

ނިއު ވަނީ ނިމިދިޔަ ފުޓްބޯޅަ ސީޒަންގައި ބަލިނުވެ ޗެރިޓީ ޝީލްޑާއި ދިވެހި ލީގު އަދި އެފްއޭކަޕް އަދި ޕްރެޒިޑެންޓްސް ކަޕްގެ ތަށިވެސް އުފުލާލައިގެން އާ ރެކޯޑެއް ހަދާފަ އެވެ.