31 Oct 2013, 09:57
ބެއިޖިންގް (އޮކްޓޯބަރު 31): އެމެރިކާ އިން ދުނިޔޭގައި ހިންގަމުން ގެންދާ ޖާސޫސީ ހަރާކާތްތަކުގެ ލެވެލްއާއި ފެންވަރުހުރި ގޮތް ހާމަވުމުން އެކަމާކުރިމަތިލުމަށް ޓަކައި ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންގެންދާ ކަމަށް ޗައިނާ އިން ބުނެފި އެވެ.
ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާން ހުވާންޗޫ ނިޔިންގް ނޫސްވެރިންނަށް މައްލޫމާތު ދެއްވަމުން ވިދާޅުވީ އެމެރިކާގެ ޒަމާނީ ޖާސޫސީ ހަރަކާތްތަކާ ކުރިމަތިލުމަށް ޓަކައި ޗައިނާ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުން ގެންދާކަމުގަ އެވެ. ޗައިނާގެ މިފިޔަވަޅުތަކުގެ ތެރޭގައި އިލެކްޓްރޯނިކް ޖާސޫސީ ދިފާއީ ވަސީލަތްތައް ވަރުގަދަކުރުމާއި އިލެކްޓްރޯނިކް ނޫން އާދައިގެ ޖާސޫސީ ދިފާޢީ ވަސީލަތްތައް ވަރުގަދަކުރުން ވެސް ހިމެނޭ ކަމަށާ އަދި މިކަމަށް ބޭނުންވާ ގާނޫނުތަކާއި ގަވާއިދުތައް ހަރުދަނާކުރުން ވެސް ހިމެނޭކަމަށް ހުވާންޗޫ ނިޔިންގް ވިދާޅުވި އެވެ. ނަމަވެސް މިކަމުގެ މާބޮޑުތަފްސީލްތަކެއް އޭނާ ނުދެއްވަ އެވެ.
އެމެރިކާގެ ބައިވެރިންގެ ގޮތުގައި ބެލެވޭ ޔޫރަޕްގެ ގައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނާ ދެކޮޅަށް އެމެރިކާ ކުރިޔަށްގެންދާ ޖާސޫސީ ހަރަކާތްތައް ހާމަވުމާގުޅިގެންނާ އަދި އެމެރިކާ އިން ދުނިޔޭގެ 35 ގައުމެއްގެ އިސްވެރިންގެ ފޯންކޯލްތައް އަޑުއަހައި ޖާސޫސުކޮށްފައިވާ މައްސަލަ ބޭޒާރުވުމުން، ޗައިނާ ވަނީ ކަންބޮޑުވާކަން ހާމަކޮށްފަ އެވެ. ޔޫރަޕްގެބޮޑެތި ގައުމުތައް ކަމަށްވާ ޖަރުމަނު، ފަރަންސޭސިވިލާތް، ސްޕޭންފަދަ ގައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނާ ދެކޮޅަށް އެމެރިކާ ކުރިޔަށްގެންދާ ޖާސޫސީ ހަރަކާތްތައް ހާމަވުމާގުޅިގެން ޔޫރަޕްގެ ގައުމުތަކުން ވަނީ އެކަމުގެ ސަބަބުން އެމެރިކާއާއި އެގައުމުތަކުގެ ގުޅުންތަކަށް ބުރޫ އަރާފާނެކަމުގެ އިންޒާރު ވެސް ދީފަ އެވެ.
މިއިންޒާރާ ގުޅިގެން އެމެރިކާއާއި ޔޫރަޕްގެ ގުޅުންތައް ގޯސްވެދާނެކަމުގެ ބިރު ހީވުމާއެކު ވައިޓް ހައުސް އިން ވަނީ އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ އެޖެންސީން ކުރިޔަށްގެންދާ ޖާސޫސީ ބައެއް ހަރަކާތްތައް ކޮންޓްރޯލްކުރާނެކަން ހާމަކޮށްފަ އެވެ. އަދި މިމައްސަލާގައި ވާހަކަ ދެއްކުމަށް ޔޫރަޕްގެ ޖާސޫސީ އިސްވެރިންގެ ވަފްދެއް މިހާރުވަނީ އެމެރިކާގެ މަސްއޫލުވެރިންނާ ބައްދަލުކުރެއްވުމަށް ޓަކައި ވޮޝިންޓަނަށް ވަޑައިގެންފަ އެވެ. (ރޮއިޓާސް)