31 Oct 2013, 09:55
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގައި ދެ ހަފްތާގެ ޗުއްޓީއަކަށް ފަހު، އަނެއްކާ ވެސް ހަފްތާއަކަށް މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައިފި އެވެ.
މި އަހަރުގެ މަޖިލީހުގެ ފަހު ދައުރުގައި ނުވަ ޖަލްސާއަކަށް ފަހު، އަންނަ ހަފްތާގައި މަޖިލީހުގެ ޖަލްސާތައް ނުބާއްވާނެ ކަމަށް އިއުލާނު ކުރެއްވީ އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދެވެ. އެމަނިކުފާނު ވިދާޅުވީ އަންނަ ހަފްތާގައި މަޖިލީހުގެ ޖަލްސާތައް ނުބޭއްވުމަށް ނިންމެވީ، ސިޔާސީ ޕާޓީތަކުގެ "ލީޑަރުނާއި ވެރިންނާ" ވާހަކަފުޅު ދެއްކެވުމަށް ފަހު ކަމަށާއި އަންނަ ހަފްތާގައި ޖަލްސާ ބޭއްވުމަށް ސިޔާސީ ޕާޓީތަކުން މަޝްވަރާ ދީފި ނަމަ ޖަލްސާ ކުރިއަށް ގެންދަވާނެ ކަމަށެވެ.
"އެ ބޭފުޅުންގެ މަޝްވަރާގެ މަތިން މި އަންނަ ހަފްތާގައި ޖަލްސާ ބާއްވަން އަޅުގަނޑު ގަސްތެއް ނުކުރަން. އެހެން ނަމަވެސް ޖަލްސާ ބޭއްވުމަށް ސިޔާސީ ޕާޓީތަކުން އަޅުގަނޑަށް މަޝްވަރާ ދެއްވުމުން، އެކަމާއިގެން އަޅުގަނޑު ވިސްނައި ކުރިއަށް ގެންދާނެ ވާހަކަ ވެސް ދަންނަވަން،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
ހަފްތާއަކަށް މަޖިލިސް މެދުކަނޑާލާފައި ވަނީ އަންނަ އަހަރަށް ލަފާ ކުރާ 16.4 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހަށް އިއްޔެ ހުށަހަޅާފައިވަނިކޮށެވެ. ބަޖެޓް ބަހުސް މަޖިލީހުގައި އަދި ނުފަށަ އެވެ.
މި ހިނގާ އޮކްޓޯބަރު މަހު ފެށި މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގައި ދެ ހަފްތާގައި މަޖިލިސް ނުބާއްވައި ދިޔަ އެވެ. މި މަހުގެ ހަތެއްގައި މަޖިލިސް ހުއްޓާލުމަށް ފަހު ފެށީ މިދިޔަ ހަފްތާގެ ހޯމަގަ އެވެ.
ރަސްމީކޮށް ޗުއްޓީއެއް މަޖިލިސް މެންބަރުންނަށް ނުދިނަސް މަޖިލީހުގެ ކޮމެޓީތައް ކުރިއަށްދާނެ އެވެ. މިއަދު ވެސް ބައެއް ކޮމެޓީތައް މަޖިލީހުގައި ކުރިއަށްދެ އެވެ.
މި އަހަރުގެ މަޖިލީހުގެ ދެ ވަނަ ދައުރުގައި މަޖިލީހުގެ ޖަލްސާތައް ބާއްވަން ޖެހޭ 39 ދުވަހުގެ ތެރެއިން، މަސައްކަތެއް ނެތިގެން 19 ދުވަހު މަޖިލީހުގެ ޖަލްސާ ނުބާއްވަ އެވެ.
މަޖިލީހުގެ ދެ ވަނަ ދައުރު މިއަހަރުގެ ޖޫން މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ކުރިއަށްދިޔަ އިރު، ޖަލްސާ ބާއްވަން ޖެހޭ 39 ދުވަހުގެ ތެރެއިން ޖަލްސާ ބޭއްވި 20 ދުވަހު އެވެ.
ރަސްމީ ބަންދު ދުވަހެއް ފިޔަވައި ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ، ބުދަ ދުވަހެއްގައި ޖަލްސާ ބާއްވަންޖެހޭ އިރު، މިއަހަރުގެ އޮގަސްޓު މަހު ޖަލްސާ ބާއްވާފައި ވަނީ ހަފްތާއަކު އެންމެ ދުވަހަކު އެވެ.