31 Oct 2013, 09:48
ނ. މާފަރާއި ދ. ކުޑަހުވަދޫގައި އެއާޕޯޓް ހެދުމަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޓޫރިޒަމް މިނސްޓްރީ އިން ބުނީ ނ. މާފަރުގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކުރުމާއި އެކަންކުރާ ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވާ ރިސޯޓް ތަރައްގީ ކުރުމުގެ ފުރުސަތު މިދިޔަ މަހު ހުޅުވާލާފައިވާ އިރު އެކަމަށް ހަ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
އެ މިނިސްޓްރީ އިން ބުނީ އެ މަޝްރޫއު ހިންގުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުގެ ތެރެއިން އެކްސްޕުރެޝަން އޮފް އިންޓަރެސްޓް ހުށައަޅާފައިވާ ފަރާތްތަކުން މިއަންނަ މަހުގެ ހަ ވަނަ ދުވަހުގެ 1:30 ގެ ކުރިން ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީ އިން ބުނީ ކުޑަހުވަދޫގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކުރުމާއި އެކަން ކުރާ ފަރާތަކަށް ދިނުމަށް ހުށައަޅާފައިވާ ރިސޯޓް ތަރައްގީ ކުރުމަށް ދެ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެ ޕްރޮޖެކްޓް އިއުލާންކޮށްފައި ވަނީ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހު އެވެ.
ކުޑަހުވަދޫގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކޮށް ރިސޯޓެއް ތަރައްގީ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކުސްޕުރެޝަން އޮފް އިންޓަރެސްޓް ހުށައަޅާފައިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.