ދިމިޝްޤު (އޮކްޓޯބަރ 31): ދާޚިލީ ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ސޫރިޔާގެ ބައެއް ސަރަހައްދުތަކުގައި ޕޯލިއޯ ފެތުރެމުންދާކަން، ދުނިޔޭގެ ސިއްޙަތާބެހޭ ޖަމްޢިއްޔާ (ޑަބްލިޔޫއެޗްއޯ) އިން ކަށަވަރުކޮށްދީ އެކަމާބެހޭ ގޮތުން ކަންބޮޑުވާކަން އެ ޖަމްޢިއްޔާ އިން ހާމަކުރުމާ ގުޅިގެން ވެކްސިން ދިނުމަށް ބޭނުންވާ އެއްބާރުލުން ދިނުމަށް ސޫރިޔާ ސަރުކާރުން އެއްބަސްވެއްޖެ އެވެ.

ސޫރިޔާ ސަރުކާރުން މިކަމަށް އެއްބަސްވެފައި ވަނީ ކުޑަކުދިންނާ ބެހޭ އދ. ގެ ޖަމްޢިއްޔާ ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރު އެންޓަނީ ލޭކް، ސޫރިޔާގެ ބޮޑުވަޒީރު ވާއިލުން ޙަލްގީ އާއި ޚާރިޖީ ވަޒީރުގެ ނައިބު ފައިސަލް އަލްމިޤްދާދާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަކާ ގުޅިގެން ކަމަށް ޔުނިސެފުން އިއްޔެ ނެރުނު ބަޔާނެއް ބުނެ އެވެ.
ސޫރިޔާގެ ގިނަ ސަރަހައްދުތައް ވަނީ ދާޚިލީ ހަނގުރާމައިގެ ސަބަބުން މުޅިން ވީރާނާވެ އިންސާނީ ކާރިޘާއެއްގެ ތެރެއަށް ވެއްޓިފައިވާއިރު ސޫރިޔާގެ ގާތްގަނޑަކަށް 80 އިންސައްތަ ކުޑަކުދިންނަށް ފާއިތުވި ތިން އަހަރު ތެރޭގައި ގިނަ ބާވަތްތަކުގެ ވެކްސިންތައް ދެވިފައިނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. "ޔުނިސެފް"އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސޫރިޔާގައި ކުޑަކުދިންނަށް ދޭން ޖެހޭ ޕޯލިޔޯ ވެކްސިނާއި އެނޫން ވެސް ވެކްސިންތައް ދިނުމުގެ ފުރްސަތު އެޖަމްއިއްޔާ އަށް ދިނުމަށް ސޫރިޔާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށާ މިކަމަށް ބޭނުންވާ އެއްބާރުލުން ވެސް ދޭނެކަމުގެ ޔަގީންކަން ސޫރިޔާ ސަރުކާރުން ދީފައިވާކަމުގަ އެވެ.

ޔުނިސެފުން އިއްޔެ ބުނެފައި ވަނީ ހަނގުރާމަ ހިނގާ ސަރަހައްދުތަކުގައި ދިރިއުޅޭ އެތަށް ލައްކަ ކުޑަކުދިންނަށް ވެކްސިން ދިނުމުގެ މައްސަލައަކީ ވަރަށް ދަތި އަދި އުނދަނގޫ ކަމެއް ކަމުގަ އެވެ. އެހެންކަމުން ސޫރިޔާ ސަރުކާރުގެ އިތުރުން ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ އެއްބާރުލުން ވެސް މިކަމުގައި ބޭނުންވާ ކަމަށް ޔުނިސެފުން ބުނެ އެވެ. ސޫރިޔާގައި ފަސްލައްކަ ކުދިންނަށް ވެކްސިން ދޭން ޖެހޭ ކަމަށް ޑަބްލިޔޫއެޗްއޯ އާއި ޔުނިސެފް އިން ލަފާކުރެ އެވެ. ޑަބްލިއުއެޗްއޯ ބުނާ ގޮތުން ވެކްސިން ނުދެވުމުގެ ސަބަބުން ޕޯލިއޯ ޖެހިފައިވާ 10 ކުއްޖަކު ދާދިފަހުންވަނީ ސޫރިޔާއިން ފެނިފަ އެވެ.
މިކަމާގުޅިގެން ސޫރިޔާއާ އަވަށްޓެރި ދެ ގައުމު ކަމަށްވާ ތުރުކީވިލާތާއި އުރުދުންއިން ވެސް ވަނީ ކަންބޮޑުވާކަން ހާމަކޮށް އެދެގައުމުގައި ދިރިއުޅޭ ސޫރިޔާގެ މިލިޔަނަކަށް ވުރެ ގިނަ ރެފިއުޖީންގެ ތެރޭގައި ހިމެނޭ ކުޑަކުދިންނަށް ވެކްސިން ދިނުމުގެ ކަންތައް ޑަބްލިޔޫއެޗްއޯ އާއި ޔުނިސެފް ފަދަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގުޅިގެން ކުރިޔަށްގެންދާނެކަމަށް ބުނެފަ އެވެ. ސޫރިޔާއަކީ 1999 ވަނަ އަހަރަށް ފަހު ޕޯލިޔޯގެ އެއްވެސް ޙާލަތެއް ފެނިފައިވާ ގައުމެއްނޫނެވެ. އަދި 2001 ވަނަ އަހަރު ދާޚިލީ ހަނގުރާމަ ފެށުމުގެކުރިން ސޫރިޔާއަކީ ބައިނަލްއަޤްވާމީ ސްޓޭންޑަޑާ އެއްގޮތަށް ކުޑަކުދިންގެ ވެކްސިން ކަވަރެޖް ފުރިހަމަ ކުރަމުން ގެންގޮސްފައިވާ ގައުމެއް ކަމަށްވެސް ޑަބްލިޔޫއެޗްއޯ އިން ބުނެ އެވެ.

ސޫރިޔާގެ ކުޑަކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމުގެ އަމާޒަކީ ސޫރިޔާގެ ކޮންމެ ކުއްޖަކަށްވެސް ވެކްސިން ދިނުން ކަމަށް ޔުނިސެފުން ނާއި ޑަބްލިޔޫ.އެޗް.އޯ އިން ބުނެއެވެ. (އަލްޖަޒީރާ)