01 Dec 2010, 08:29
ސިއްރު އެތައް ލިޔެކިޔުންތަކެއް ލީކް ކޮށްލާފައިވާ ވިކިލީކްސް ވެބްސައިޓްގެ ފައުންޑާ އަދި މަސްއޫލުވެރިއާ ހައްޔަރު ކުރުމުގެ ރެޑް ނޯޓިސް އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް އޮގަނައިޒޭޝަން [އިންޓަޕޯލް] އިން މިއަދު ނެރެފި އެވެ.
ކުރިން ހެކަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައިވާ އޮސްޓުރޭލިއާއަށް އުފަން 39 އަހަރުގެ ޖޫލިއަން އަސާނޭ ހައްޔަރު ކުރުމުގެ އަމުރު ނެރެފައި ވަނީ އަންހެނަކު ރޭޕްކުރުމާއި އަދި ވެސް އިތުރު ދެ އަންހެނަކަށް އެކި ވަރުގެ ޖިންސީ ހާނިއްކަ ކުރިކަމުގެ ތުހުމަތުގައި ކަމަށް އިންޓަޕޯލްގެ ރަމީސް ވެބްސައިޓްގައިވެ އެވެ.
އޭނާ ހައްޔަރު ކުރުމުގެ ރެޑް ނޯޓިސް ނެރެފައި މި ވަނީ އެމެރިކާގެ ސިއްރު ލިއުންތަކެއް ލީކްކޮށްލިތާ ދެ ތިން ދުވަހުގެ ތެރޭގަ އެވެ.
މިހާރު ވެސް ފިލައިގެން އުޅެމުންދާ އަސާނޭ އެންމެ ގިނައިން ފެނިފައި ވަނީ އިނގިރޭސި ވިލާތާއި ސުވިޑަން އިން ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ހަބަރު ފަތުރަ އެވެ.
ދާދިފަހުން އަސާނޭ ވަނީ އިތުރު ލިޔެކިޔުންތަކެއް ލީކު ކޮށްލާނެ ކަމުގެ އިންޒާރު އެމެރިކާއަށް ދީފަ އެވެ.
އިންޓަޕޯލްގެ މި އަމުރާ ވިދިގެން އެމެރިކާގެ ސިޔާސަތުތަކާއި ދެކޮޅު ގައުމުތަކުން ގެންދަނީ ނުރުހުން ފާޅުކޮށް، އަސާނޭ އަށް ހިމާޔަތް ދޭނެ ކަމަށް ބުނަމުންނެވެ.
އަސާނޭ އާ ވިކިލީކްސް ވެބްސައިޓް، މީހުންގެ މެދުގައި މަގުބޫލުވެފައި ވަނީ އިރާގު ހަނގުރާމަ އާއި ގުޅުން ހުރި ސިއްރު ލިޔެކިޔުންތަކެއް ލީކުކޮށްލި ހިސާބުން ފެށިގެންނެވެ. އަދި މީގެ ދެ ދުވަސް ކުރިން ވިކި ލީކްސް އިން ވަނީ އެމެރިކާގެ ހާރިޖިއްޔާ އާ ގުޅުންހުރި އެތައްލިޔެކިޔުންތަކެއް ވެސް ލީކްކޮށްލައިފަ އެވެ. އެފަދަ ސައްހަ މުހިންމު ލިޔެކިޔުންތަކެއް ވިކިލީކްސް އިން ލީކްކުރަމުންދާ ދިއުމާ މެދު މީޑިއާގައި ދަނީ ތަފާތު ވާހަކަތައް ފެތުރެމުންނެވެ.