30 Oct 2013, 23:16
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް މިދިޔަ ތިން މަހު ވެސް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ޓޫރިޒަމް ވިޔަފާރި ކުންފުނިން މިއަދު ނެރުނު މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް މި އަހަރުގެ ތިންވަނަ ކުއާޓަރުގައި 1.2 މިލިއަން ޑޮލަރު ވަނީ ގެއްލުންވެފަ އެވެ. އޭގެ ކުރީ ތިން މަހު އެ ކުންފުންޏަށް 1.1 މިލިއަން ޑޮލަރު ގެއްލުންވެފައިވެ އެވެ.
އެ ކުންފުނީގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް ލިބިފައި ވަނީ 3.9 މިލިއަން ޑޮލަރެވެ. އަދި އެ ކުންފުންޏަށް ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 1.6 މިލިއަން ޑޮލަރެވެ.
އެމްޓީޑީސީގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުނި ހިންގުމަށް ކުރި ހަރަދާ ގުޅިގެން 543،694 ޑޮލަރު ގެއްލުންވެފައިވެ އެވެ.
އެ ކުންފުނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ހިއްސާއަކަށް 0.39 ޑޮލަރު ( ހަ ރުފިޔާ) ގެއްލުންވެފައިވެ އެވެ.
އެ ކުންފުންޏަށް މިދިޔަ ކުއާޓަރުގައި ބޮޑު ގެއްލުމަކާ ކުރިމަތިވިއިރު، އެ ކުންފުންޏަށް އެންމެ ބޮޑަށް ގެއްލުންވި ހެރެތެރެ ރިސޯޓު މިދިޔަ ޖުލައި މަހުން ފެށިގެން ވަނީ އޮޕަރޭޓްކުރުން ހުއްޓާލައިފަ އެވެ. އަދި އެ ރިސޯޓް ޗަންޕާ ހުސެއިން އަފީފްގެ ހިއްސާ އޮންނަ ޓްރީޓޮޕް އިންވެސްޓްމަންޓަށް ވިއްކާލަން ނިންމި ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ އެކަން ވެސް ވަނީ މަޑުޖެހިފަ އެވެ.