އެމްޓީސީސީއަށް މިއަހަރު ތިންވަނަ ކުއާޓަރުގައި 22.8 މިލިއަން ރުފިޔާ ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސަރުކާރާއި ރައްޔިތުންގެ ހިއްސާވާ ކުންފުނިން މިއަދު ނެރުނު މިދިޔަ ތިން މަހުގެ މާލީ ހިސާބުތައް ދައްކާ ގޮތުން 151.5 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. އަދި ވިޔަފާރި ހިންގައިގެން ލިބިފައި ވަނީ 5.6 މިލިއަން ރުފިޔާ އެވެ.

އެ ކުންފުނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ލިބުނު ޖުމްލަ ފައިދާއަކީ އޭގެ ކުރީ ތިން މަހަށް ވުރެ 5.3 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ކުރެވުނު ވިޔަފާރީގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން ދެވަނަ ކުއާޓަރުގައި އެ ކުންފުނިން ކޮށްފައި ވަނީ 138.2 މިލިއަން ރުފިޔާގެ ވިޔަފާރި އެވެ.

އެ ކުންފުނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ ކުންފުނީގެ ޖުމްލަ ދަރަންޏަކީ 283.6 މިލިއަން ރުފިޔާ އެވެ. އަދި ޖުމްލަ ރައުސްމާލާއި ދަރަންޏަކީ 540.5 މިލިއަން ރުފިޔާ އެވެ.