ފަހަތަށް ޖެހިވަޑައިގެން، ރިޔާސީ އިންތިހާބުން ވަކިވެވަޑައިގަންނަވަންވީ މޯލްޑިވިއަން ޑިމޮކްރެޓިކްޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ޖުމްހޫރީޕާޓީ (ޖޭޕީ) އިން މިއަދު ބުނެފި އެވެ.

ޖުމްހޫރީ ޕާޓީން މިއަދު ހަވީރު މ. ކުނޫޒުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އެ ޕާޓީގެ ނައިބު ލީޑަރު އިލްހާމް އަހުމަދު ވިދާޅުވީ ނަޝީދު ރިޔާސީ ރޭހުން ނުކުމެވަޑައިގަންނަވަން ޖެހޭ އެތައް ސަބަބެއް އެބަހުރި ކަމަށެވެ.

".. ރާއްޖޭގެ އެތަށް އިލްމުވެރިންނެއް ވަނީ ސޮއިކުރައްވާފައި އޭނާ ތައުބާވުމަށް ގޮވާލައްވާފައި. ދުވަހަކު ވެސް ސިޔާސީ ކަންތައްތަކުގެ ތެރެއަށް ޚިޔާލެއް ފިކުރެއް ނެތް، ދުވަހަކު ވެސް ސިޔާސީ ކަންތައްތައް ތެރެއަށް ވަޑައިނުގަންނަވާ، އެފަދަ ވާހަކަތަކެއް ނުދައްކަވާ އެތައް އިލްމުވެރިންނެއް މިއަދު ވަނީ ސޮއިކުރައްވާފައި އޭނާ ތައުބާވުމަށް ގޮވާލައްވާފައި. އަޅުގަނޑު ދަންނަވާނީ މަނިކުފާނު ފުރަތަމަ ތައުބާވުމަށް ވެސް ގޮވާލައްވާފައި ވުމާ އެކު، ރާއްޖޭގައި ތިއްބެވި އެތައް އިލްމުވެރިންނެއް އެހެން ވިދާޅުވެފައި ވުމުން އެހެންވީމާ ފަހަތަށް ޖެހިވަޑައިގެން ރިޔާސީ ރޭހުން ނުކުންނަވަން، އެއް ފަރާތަށް ޖެހިވަޑައިގަންނަވާށޭ،" އިލްހާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއްވެސް ޝަރުތަކާ ނުލައި، އެއްވެސް ސުވާލެއް ނެތި މިހާރުން މިހާރަށް ރިޔާސީ ރޭސް ދޫކޮށްލައްވާފައި ވަޑައިގަންނަވަން ނަޝީދަށް ދަންނަވާ ކަމަށެވެ.

ޖޭޕީން މިމޭރުމުން ވާހަކަ ދެއްކީ ރިޔާސީ ރޭސް ދޫކުރައްވާ ވަޑައިގަންނަވާނީ އެންމެ އިޚުލާސްތެރި ބޭފުޅާ ކަމަށާއި އެންމެ އިޚުލާސްތެރި ބޭފުޅަކީ ޖޭޕީގެ ލީޑަރު ގާސިމް އިބުރާހިމް ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވުމުން އެ ވާހަކަފުޅަށް ރައްދު ދިނުމުގެ ގޮތުންނެވެ.

އިލްހާމް ވިދާޅުވީ ދިވެހި ރައްޔިތުންނަށް އެންމެ ބޭނުން ވަނީ އެންމެ އިޚުލާސްތެރި ބޭފުޅާ ކަމަށެވެ.