30 Oct 2013, 21:53
ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު އެމްޑީޕީއާ ގުޅިވަޑައިގަތްތާ މަހެއްހާ ދުވަހުގެ ތެރޭގައި އޭނާ އެމްޑީޕީ އިން ވަކިވެވަޑައިގެންފި އެވެ.
ސުއޫދު މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އޭނާ އެމްޑީޕީގެ މެމްބަރަކަށް ވުމަށް ހުށަހެޅުއްވި އެޕްލިކޭޝަން އަނބުރާ ނަންގަވާފައިވާ ކަމަށާއި އޭނާގެ އެހީތެރިކަން އިލެކްޝަންސް ކޮމިޝަނަށް އިންތިހާ އަށް ބޭނުން ކަމަށެވެ.
I have withdrawn my application to become a member of MDP as EC badly needs my assistance.
— Husnu Al Suood (@hsuood)October 30, 2013
ސުއޫދު މިދިޔަ މަހު އެމްޑީޕީ އާ ގުޅިވަޑައިގަތީ، އެ މަހު 7 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އޮޅުވާލާފައިވާ ކަމަށް ބުނެ ޖޭޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އޭނާ ކޯޓުގައި ވަކާލާތު ކުރައްވަނިކޮށް ސަސްޕެންޑް ކުރެއްވި ހިސާބުންނެވެ. އޭނާ ސަސްޕެންޑް ކުރީ ކޯޓުގެ ނިންމުމަށް ފާޑުކިޔައިގެންނެވެ.
ސުއޫދު އެމްޑީޕީ އިން މިއަދު ވަކިވެވަޑައިގަތީ ކީއްވެގެން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. ނަމަވެސް އޭނާ އެ ޕާޓީން ވަކިވެވަޑައިގަތްކަން ސަން އަށް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.
އެމްޑީޕީ އިން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން އަމިއްލަ މަސްލަހަތަށް ފައިދާވާ ގޮތަށް ގާނޫނުތަކަށް ހުށަހަޅާ އިސްލާހުތަކަށް ސުއޫދު ވަނީ ފާޑުވިދާޅުވެފަ އެވެ.
އިއްޔެ އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ "މިދާ ރޭޓު ގަ ގާނޫނު އުގޫބާތާއި ޑްރަގް ގާނޫނު އުވާނުލައިފިއްޔާ ކިތަންމެހާ ވެސް ރަނގަޅު" ކަމަށެވެ.