30 Oct 2013, 20:15
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގާ ޖިނާއީ ބޮޑެތި ހުރިހާ ކުށްތަކެއްގައި ބިދޭސީން ޝާމިލްވާ ކަމަށް ސަރުކާރުގެ މުއައްސަސާތަކުން ބުނެފި އެވެ.
ސަރުކާރުގެ މުއައްސަސާ ތަކުން މިހެން ބުނެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީ އަށް ބިދޭސީންނާއި ގުޅޭގޮތުން ހުށަހެޅިފައި ހުރި ޝަކުވާ ތަކަކާއި ގުޅިގެން އެ އެ ކޮމެޓީ އަށް ޖަވާބުދާރީ ވަމުންނެވެ.
މިއަދު މެންދުރު ފަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީ އަށް ހާޒިރުކުރި މޯލްޑިވްސް ޕޮލިސް ސާވިސް އާއި އިމްގްރޭޝަން އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގްސް އޮތޯރިޓީ އާއި މާލޭ ސިޓީ ކައުންސިލް އަދި ހިޔުމަން ރިސޯސް ޔޫތް އެންޑް ސްޕޯޓްސްގެ ބޭފުޅުން ވިދާޅުވީ ރާއްޖޭގެ އެކ ސަރަހައްދު ތަކުގައި އުފެދިފައިވާ ގޭންގުތަކުން ހިންގާ ބޮޑެތި ޖިނާއީ ކުށްތަކުގައި ބިދޭސީން އެހީތެރިވަމުންދާ ކަމަށެވެ.
ގައުމީ ސަލާމަތުގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން ޗީފް ސްޕްރިންޑެންޓް އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ ބިދޭސީންގެ ސަބަބުން މާރާމާރީތައް އިތުރު ވަމުންދާ ކަމަށާއި ހާއްސަކޮށް ބިދޭސީން ބިދޭސީންނާއި ދެމެދު ހިނގާ މާރާމާރީ ތައް އިތުރުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބިދޭސީންގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ޖުވާކުޅުން ބަނގުރާ ކައްކައިގެން އޭގެ ވިޔަފާރިކުރުން އިންތިހާ އަށް އިތުރުވަމުންދާ ކަމަށެވެ. އަދި ބިދޭސީން ޝާމިލްވެގެން ވައްކަން ކުރުމާއި ވައްކަން ކޮށްގެން ގެންދާ ތަކެތި ހެޔޮ އަގުގައި ވިއްކައި އެތަކެތި އެ މީހުންގެ ގައުމަށް ފޮނުވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ބިދޭސީންނާއި ދިވެހިން ގުޅިގެން ގަދަކަމުން ފައިސާ ހޯދުމާއި ބަދުއަހުލާގީ އަމަލު ތައް ހިންގަމުންދާ ކަމަށް ވެސް ނަވީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހާއްސަކޮށް ހަށިވިއްކުމުގެ ވިޔަފާރީގައި ގިނައަދަދަކަށް ބިދޭސީންގެ ޝާމިލްވުން ކުޑަކުދިންނަށް ޖިންސަ ގޯނާ ކުރުމުގެ މައްސަލަ ތަކުގައި ބިދޭސީންގެ ޝާމިލް ވުން ވަރަށް ބޮޑަށް އެކުލެވިގެންވާކަން ނަވީން ފާހަގަ ކުރި އެވެ.
ބިދޭސީން ގޭންގު ކުށްތަކުގައި ޝާމިލްވާ ގޮތާއި ބެހޭގޮތުން ވާހަކަދައްކަވަމުން ޗީފް ސްޕްރިންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ބިދޭސީން ގޭންގުތަކުގައި އިސްކޮށް ހަރަކާތްތެރި ނުވި ކަމުގައި ވިޔަސް ގޭންގު ތަކުގައި އުޅޭ މީހުންނަށް އެ މީހުން ހިންގާ ގެސްޓް ހައުސް ތަކުންނާއި ހޮޓާފަދަ ތަންތަނުން ހިމާޔަތްދޭ ކަމަށެވެ. އަދި ގޭންގުތަކަށް ބޭނުންވާ މައުލޫމާތު ހޯދައި ދިނުމުގައި ޖިނާއީ ބޮޑެތި ކުށްވެރިން ފިލުވުމުގައި ބިދޭސީން ހަރަކާތްތެރިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ މަރުގެ ބޮޑު ހަ މައްސަލައެއްގައި ވެސް ސީދާ ގޮތުން ދައުވާ ލިބޭ ބިދޭސީން ހިމެނޭ ކަމަށެވެ.
މިއަދުގެ ގައުމީ ސަލާމަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން ކޮންޓްރޯލާ އޮފް އިމިގްރޭޝަން ޑރ މުހައްމަދު އަލީ ވިދާޅުވީ ރާއްޖެ އަށް އެތެރެވާ ބިދޭސީން އެތެރެވަނީ ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ކަމުގައިވީ ނަމަވެސް އެ މީހުން ރާއްޖެ އައުމަށް ފަހު އެ މީހުންގެ އަތުގައި ހުންނަ ފައިސާ އެއާޕޯޓުން ނުވަތަ އެހެން ތަނަކުން ވިޔަސް އެ މީހުންގެ އަތުން އަތުލާ ކަމަށެވެ. އަދި އޭގެ ފަހުން އެ މީހުން އޯޕަން ވިސާގެ ގޮތުގައި މަގުމައްޗަށް ދޫކޮށްލާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެގޮތަށް ދޫކޮށްލާ ގިނަ މީހުން ދޫކޮށްފައި ވަނީ އެ މީހުންގެ ޕާސްޕޯޓް ވެސް އެ މީހުންގެ އަތަށް ނުދީކަން ކޮންޓްރޯލަރު ފާހަގަ ކުރި އެވެ.
މުހައްމަދު އަލީ ވިދާޅުވީ އެކަމުގެ ސަބުން ރާއްޖެއަކީ ދުނިތޭގެ ނިސްބަތުން ހިޔުމަން ޓްރެފިކިން ބޮޑު ގައުމެއްގެ ގޮތުގައި މިހާރު ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަން އެހެން ވާން ޖެހުނީ ދިވެހުންގެ ސަބަބުން ކަމަށާއި އެޖެންސީ ތަކުންނާއި ކުންފުނި ތަކުން ބިދޭންސީން ރާއްޖެ ގެނައުމަށް ފަހު އެ މީހުން މަގުމައްޗަށް ދޫކޮށްލަންކަން ވެސް އޭނާ ފާހަނގަ ކުރި އެވެ. އެގޮތުން ބައެއް ބިދޭސީން ލައްވައި ގެސްޓް ހައުސްތައް ހިންގައި ހޮޓާތައް ހިންގައި އަދި ވެސް މިނޫން އެތައް ކަމެއް ކުރުވަމުންދާ ކަމަށް ކޮންޓްރޯލާ ވިދާޅުވި އެވެ.
ކޮންޓްރޯލާ ވިދާޅުވީ ރާއްޖޭގައި ބިދޭސީން ގިނަވެ އަދި ޖިނާއީ ބޮޑެތި ކުށްތަކުގައި އެ މީހުން ޝާމިލު ވަމުންދަނީ ދިވެހިންގެ ސަބަބުން ކަމަށެވެ. ހާއްސަކޮށް ޖިނާއީ ބޮޑެތި ކުށްތަކުގައާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 95 ޕަސެންޓް މީހުންނަކީ ބަންގުލަދޭޝް މީހުންކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފުރުވާލުމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މުހައްމަދު އަލީ ވިދާޅުވީ މިހާތަނަށް 40،351 މީހުން ފޮނުވާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 161 މީހަކު ޑިޕޯޓް ކޮށްފައިވާ ކަމަށާއި ފޮނުވާލި މީހުންގެ ތެރޭގައި ގިނައީ ބަންގްލަދޭޝް މީހުންކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މުހައްމަދު އަލީ ވިދާޅުވީ އިމިގްރޭޝަން އިން ބިދޭސީން ފުރުވުމުގެ މަސައްކަތް ކުރަމުން ގެންދަނީ އައިލެންޑް އޭވިއޭޝަން އާއި ގުޅިގެން ކަމަށެވެ. ނަމަވެސް މިހާރު މީހުން ފުރުވުގެ މަސައްކަތް ހުއްޓުމަކަށް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ސަބަބެއް ކަމަށް ވިދާޅުވީ އިމިގްރޭޝަންގެ ފަރާތުން އައިލެންޑް އޭވިއޭޝަން އަށް ދޭން ޖެހޭ ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ނުދެވި ހުރުމުން ކަމަށެވެ.