30 Oct 2013, 19:25
ސުޕްރީމް ކޯޓާ ބެހޭ ގޮތުން ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ ހައިކޮމިޝަނަރު ފޯ ހިއުމަން ރައިޓްސް ނަވަނެތަމް ޕިއްލޭ ދެއްކެވި ވާހަކަތައް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ކުށްވެރި ކުރައްވައިފި އެވެ.
އުއްތަމަ ފަނޑިޔާރު މިކަން ކުށްވެރި ކުރައްވާފައި މިވަނީ ޔޫއެން ހިއުމަން ރައިޓްސް ކައުންސިލުން މިއަދު ނެރުއްވި ބަޔާނެއްގައި ސުޕްރީމް ކޯޓުން ރާއްޖޭގެ ޑިމޮކްރެޓިކް ޕްރޮސެސް ހަލާކުކުރަމުންދާ ކަމަށާއި ރިޔާސީ އިންތިހާބުގެ ކަންތައްތަކުގެ ތެރެއަށް ސުޕްރީމް ކޯޓުން މާބޮޑަށް ވަންނަމުން ދާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.
ސުޕްރީމް ކޯޓުން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ފާއިޒު ވިދާޅުވެފައި ވަނީ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން އެކޯޓުގެ ވާޖިބުތަކާއި ޒިންމާތައް އަދާކުރުމަށް ކުރަމުން ގެންދާ މަސައްކަތާ މެދު ހަގީގަތާއި ހިލާފު ވާހަކަފުޅުތަކެއް ފިއްލޭ ދައްކަވާފައިވާ ކަމަށާއި އެފަދަ ވާހަކަތަކެއް ދެއްކެވުމުގެ ހައިސިއްޔަތު އެކަމާނާ އަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ފިއްލޭ ދެއްކެވި ވާހަކަފުޅުތަކަކީ ކަމުގެ ހަގީގަތް އެއްވެސް ވަރަކަށް ބެލުމެއް ނެތި ވަރަށް ޒިންމާދާރު ކުޑަ ގޮތަކަށް ދައްކަވާފައިވާ ވާހަކަތަކެއް ކަމަށް ވިދާޅުވެފައިވެ އެވެ.
ފާއިޒު ވިދާޅުވީ އެ ވާހަކަތަކީ ރާއްޖޭގައި ޑިމޮކްރަސީ އާއި ގާނޫނީ ވެރިކަން ގާއިމްކުރުމަށް ކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކަށް ހިތްވަރު ދެއްވުމުގެ ބަދަލުގައި، ސުޕްރީމް ކޯޓާ މެދު ރައްޔިތުންގެ މެދުގައި އަދި ބައިނަލް އަގުވާމީ ފަރާތްތަކުގެ މެދުގައި ނުރަނގަޅު ތަސައްވުރެއް ލިބޭ ގޮތަށް ދެއްކެވި ވާހަކަފުޅުތަކެއް ކަމަށެވެ. އަދި އެކަމާ ކަންބޮޑުވެވަޑައިގެންނަވާ ކަމަށާއި އެ ވާހަކަތަކަކީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެ އެވެ.
"ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަކީ އެއްވެސް ފަރާތަކާ މެދު ޚުޞޫމަތެއް އޮތް ކޯޓެއް ނޫނެވެ. ކޮންމެ ފަރާތަކުން ވިޔަސް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި ނަމަ، ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުރިހާ ފަރާތްތަކަކަށް ލިބިގެންވާ ހައްގުތައް ރައްކާތެރި ކުރެވޭނެ ބީދައަކުން، އެ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ގެންދާނެ އެވެ. ސުޕްރީމް ކޯޓުގެ މި ޒިންމާ އަދާ ކުރަމުން ގެންދަނީ ގާނޫނު އަސާސީ އާއި ގާނޫނުގެ ހުކުމް ނެގެހެއްޓުމާއި އަދުލުއިންސާފު ގާއިމު ކުރުމަށްޓަކަ އެވެ." އެ ބާޔާނުގައިވެ އެވެ.
ފާއިޒު ވިދާޅުވެފައިވަނީ އދ. އަކީ ބޮޑެތި ގައުމުތަކެކޭ އެއްފަދައިން ކުދި ގައުމުތަކުގެ ހައްގުތައް ވެސް ރައްކާތެރިކޮށް ދިނުމުގެ މަގުސަދުގައި އުފައްދާފައިވާ ޖަމިއްޔާއެއް ކަމުގައިވާއިރު އަދި އެ ޖަމިއްޔާގެ ކޮންމެ މެމްބަރު ދައުލަތަކީ ވެސް ހަމަހަމަ ކަމުގެ ހައްގުތަކާއި ހައިސިއްޔަތުތަކެއް ލިބިގެންވާ ދައުލަތްތަކެއް ކަމަށެވެ. އެގޮތުން ރާއްޖެއަކީ ވެސް އަމިއްލަ ދައުލަތެއް އޮތް މިނިވަން މުސްތަގިއްލު އަމިއްލަ ވެރިކަމެއް އޮތް ދައުލަތަކަށްވާ އިރު އެ ހައްގުތަކުން ރާއްޖެ މަހުރޫމްވާ ފަދަ އދ.ގެ މެންޑޭޓެއްގެ ދަށުގައި ހުންނެވި ބޭފުޅަކު ވާހަކަ ދެއްކެވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމުގައި އުއްތަމަފަނޑިޔާރު ވިދާޅުވެފައިވެ އެވެ.