ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ބައިވެރިވުން އޮތް ކަމަށް ފުލުހުން ތުހުމަތުކޮށްފައިވާ ހ. ހިލްޓަން، އަޒްލިފް ރައޫފް ކްރިމިނަލް ކޯޓުން ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

ފުލުހުން އަޒްލީފްހައްޔަރުކޮށްފައި ވަނީ ޓެރަރިޒަމާއި ބިރުދެއްކުމާއި ގޭންގު ކުށްތައް ކުރުމާއި ގޭންގު ހިންގުމާއި އަދި ގޭންގު މެދުވެރިކޮށް ޖިނާއީ އެކިއެކި ކުށް ކުރަން ރޭވި ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލާގައި އޭނާ ވަނީ ސިފައިންގެ ވަޒީފާއިން ވެސް ވަކިކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަޒްލީފް ގޭ ބަންދަށް ބަދަލުކޮށްފައިވަނީ އިއްޔެ ކަމަށާއި އޭނާ ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ އެނާގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެއް ކަމަށެވެ.

ސިފައިންގެ ވަޒީފާގައި ކުރިން އުޅުނު އަޒްލީފަކީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ހާދިސާއާ ގުޅުން ހުރި ކަމަށް ބުނެ ފުލުހުން ހައްޔަރުކޮށްފައިވާ މީހެކެވެ. ނަމަވެސް ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ބުނެ ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ.

އޭގެ ފަހުން އަޒްލީފް ހައްޔަރުކުރީ ފައިސާތަކެއް ހޯދުމަށް މީހަކަށް ބިރުދެއްކި މައްސަލައެއްގެ ތުހުމަތުގައި އެވެ. އެ މައްސަލާގައި ފުލުހުން އެނާގެ މައްޗަށް ދައުވާކުރުމުން ކޯޓުން ވަނީ އެ މައްސަލައިގެ ޝަރީއަތް ނިމެންދެއް އަޒްލީފް ބަންދުގައި ބެހެއްޓުމަށް ކުރިން ހުކުމްކޮށްފަ އެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެތެރޭގައި ހ. ލޮބީ ހުސައިން ހުމާމް އަހްމަދު ޝަރީއަތަށް ފުރަތަމަ ދިން އިއުތިރާޖުގެ ބަޔާނުގައި ބުނެފައިވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލަން ފުރަތަމަ އޭނާގެ ކައިރީގައި ބުނީ އަޒުލިފް ކަމަށެވެ. އަދި ފަހުން އެ ބަޔާނަށް އިންކާރުކޮށް އޭނާ ބުނީ އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް އިއުތިރާފްވީ ފުލުހުން ޖަލުގައި އޭނާއަށް ބިރު ދައްކައިގެން ކަމަށެވެ.