މިދިޔަ ސެޕްޓެމްބަރު ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލުކުރުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްގައި މަރުވެފައި ތިބި ކަމަށް ބުނެފައިވާ ބަޔަކު ދުނިޔޭގައި ދިރި ތިބި ކަމަށް ސާބިތުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ފުއާދު ވިދާޅުވީ އެ އިންތިހާބު ސުޕްރީމް ކޯޓުން ބާތިލުކޮށްފައި ވަނީ ވަރަށް ވެސް ހައިރާން ކުރުވަނިވި ހާލަތްތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެގޮތުން އިންތިހާބްގައި ވޯޓްލި ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވާ މީހުންގެ ތެރެއިން ތިން މީހަކު ދުނިޔޭގައި ތިބި ކަން މިހާތަނަށް ޔަގީންވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުގައި މަރުވެފައިވާ ކަމަށް ބުނެފައިވާ މ. ސްވޯޑް، އަހުމަދު ނަސީމާއި ސ. މަރަދޫ، މުސްކުރާނާގެ، މުހައްމަދު އަހުމަދު އަދި ސ. ހިތަދޫ ބްލޫރޫމް، ފާތިމަތު ދީދީ ދުނިޔޭގައި ތިބި ކަން މިހާތަނަށް އެނގިފައިވާ ކަމަށެވެ.

"އިންތިހާބު ބާތިލުކުރީ މަރުވެފައި ތިބި ބަޔަކު ވޯޓްލާފައިވާ ކަމަށް ބުނެ. އެ މީހުން އެދުވަހު ވޯޓު ވެސް ލާފައި ހުރި ކަމަށް އެމީހުން ބުނޭ. މިގޮތަށް އެތައް ބަޔަކު އެބަތިބި ސުޕްރީމް ކޯޓުން މަރުވެފައި ތިބި ކަމަށް ފާހަގަ ކުރި، އެކަމަކު ދިރި ތިބެ ވޯޓު ލާފައި،" ފުއާދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމްގައި މަރުވެފައިވާ ކަމަށް ބަޔާންކޮށްފައިވާ މީހެއްގެ އަންބަކު އެ ކޯޓަށް މިއަދު ވަނީ ސިޓީއެއް ފޮނުވައިފަ އެވެ. ސ. ހުޅޫދޫ، ކަޅުމަގިގެ، މަރިޔަމް ޒުބެއިރު އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒަށް ފޮނުވާއިވާ އެ ސިޓީގައި ބުނެފައި ވަނީ އޭނާގެ ފިރިމީހާ ދުނިޔޭގައި ހުއްޓައި އޭނާ އަކީ މަރުވެފައިވާ މީހެއް ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ނިންމާފައިވާ ކަމަށެވެ. އަދި އެ ނިންމުމުގެ ސަބަބުން ގާނޫނީ ގޮތުން އޭނާ އަކީ މިއަދު ހުވަފަތްވެފައިވާ މީހަކަށް ވެއްޖެ ކަމަށެވެ.

އޭނާގެ ސިޓީގައި އޭނާ ބުނެފައި ވަނީ އެ ހުކުމުގައި މަރުވެފައިވާ ކަމަށް ބުނާ އޭނާގެ ފިރިމީހާ ދުނިޔޭގައި ހުރި ކަމަށާއި އެކަން ހުކުމުން ރަނގަޅު ކޮށްދިނުމަށް އެދޭ ކަމަށެވެ.