ދިވެހި ރާއްޖޭގައި އެއިޑްސް ފެތުރޭ މިންވަރު އަވަށްޓެރި ޤައުމުތަކާ އާޅާބަލާއިރު މަދުކަމުގައިވިއަސް އެ ބަލި ދިވެހި ރާއްޖޭގައި ފެތުރުމުގެ ފުރުސަތު ވަރަށް ވެސް ބޮޑު ކަމަށް ސެންޓާ ފޯ ޑިސީސް ކޮންޓްރޯލުން ބުނެފި އެވެ.


އެއިޑްސް ޕްރޮގުރާމުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ދިވެހި ރާއްޖޭގައި އެއިޑްސް ޖެހިފައި ތިބި މީހުންގެ ތެރެއިން މިހާރު ދިރިހުރި ކަމަށް ކަށަވަރު ވަނީ ތިން މީހުން ކަމަށެވެ. އަދި 2008 ވަނަ އަހަރުން ފެށިގެން އެއިޑްސް ޖެހިގެން މީހަކު އެ ސެންޓަރަށް ރިފޯޓު ކޮށްފައެއްނުވެ. ނަމަވެސް އެ ސެންޓަރަށް ނޭނގި ވެސް ދިވެހި ރާއްޖޭގައި އަށް މީހުންނާއި 11 މީހުންނާ ދެމެދުގެ އަދަކަށް އެއިޑްސް ޖެހިފައި ތިބި މީހުން ދިރިއުޅެމުންދާ ކަމަށް ދިރާސާތަކުން ދައްކާކަމުގައި ވެސް އެ ސެންޓަރުން ބުނެ އެވެ.


މިއަދަކީ ދުނިޔޭގެ އެއިޑްސް ދުވަސްކަމުން މިއަދުން ފެށިން ހަތް ދުވަސް ވަންދެން ސަރުކާރު މުވައްޒަފުން ރަތްކުލައިން ރިބަނުން ހަދާފައިވާ އެއިޑްސް ބެޖް ޖަހަމުން ގެންދާނެ ކަމަށް އެއިޑްސް ޕްރޮގްރާމް ސެކްޝަނުން ބުންޏެވެ. އޭގެ އިތުރުން ހަތް ދުވަސްވަންދެން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އަތޮޅުފެންވަރުގައި އެއިޑްސް ބައްޔާމެދު ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދާނެ ކަމަށް އެ ސެންޓަރުން ބުނެ އެވެ.


ބައެއް މިނިސްޓްރީތަކާއި ފުލުހުންނާއި ސިފައިންނާއި އަދި ބައެއް ޖަމިއްޔާތައް ގުޅިގެން ޕްރޮގުރާމްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް  އެ ޔުނިޓުން ބުންޏެވެ.


ދިވެހި ރާއްޖޭގެ މީހަކަށް އެއިޑްސް ޖެހިގެން އެންމެ ފުރަތަމަ ރިޕޯޓް ކޮށްފައި ވަނީ މީގެ 20 އަހަރުކުރިން 1991 ވަނަ އަހަރު އެވެ. ވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި 14 ދިވެއްސަކަށް އެއިޑްސް ޖެހިފައިވާ ކަމަށް ސެންޓާ ފޯ ޑިސީސް ކޮންޓްރޯލުން މައުލޫމާތުދެ އެވެ.


ނަވާރަސަތޭކަ އަށްޑިހަ އެއްވަނަ ވަނަ އަހަރުން ފެށިގެން މިއަދާހަމައަށް ދުނިޔޭގެ 25 މިލިއަން މީހުންނަށް އެއިޑްސް ޖެހިގެން މަރުވެފައިވާކަމަށް ވަނީ ރިޕޯޓް ކުރެވިފައި އެވެ. އަދި 33.2 މިލިއަން މީހުންނަށް މިހާރު ވެސް އެއިޑްސް ޖެހިފައިވާކަމަށް ރިޕޯޓުތައް ބުނެ އެވެ.