ރާއްޖެ ޓީވީ އަދި ރާއްޖެ ޓީވީ ހުންނަ އިމާރާތުގައި އަލިފާން ރޯކޮށްލާފައިވާ މައްސަލައާއި ގުޅިގެން މިހާތަނަށް ހަތް މީހަކާއި ކުޑަކުއްޖަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ މީހަކާއި 22 އަހަރުގެ ދެ މީހުންނާއި 21 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 18 އަހަރުގެ ދެ މީހެއްގެ އިތުރުން 17 އަހަރުގެ ކުޑަކުއްޖެއް ކަމަށެވެ.

ފުލުހުން ބުނީ ރާއްޖެ ޓީވީ އަދި ރާއްޖެ ޓީވީ ހުންނަ އިމާރާތުގައި އަލިފާން ރޯކޮށްލާފައިވާ މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ އިތުރު ފަރާތްތައް ހޯދުމުގެ މަސައްކަތް ވެސް ފުލުހުން ކުރަމުންދާ ކަމަށެވެ.

"އެހެންކަމުން ރާއްޖެ ޓީވީ އަދި ރާއްޖެ ޓީވީ ހުންނަ އިމާރާތުގައި އަލިފާން ރޯކޮށްލާފައިވާ މައްސަލައާ ގުޅޭ ގޮތުން އެނގިހުރި ހުރިހާ މަޢުލޫމާތުތައް ފުލުހުންގެ ތަޙުގީގަށް ފޯރުކޮށްދީ ފުލުހުންގެ ތަޙުގީގަށް ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް ހުރިހާ ފަރާތްތަކަށްވެސް އިލްތިމާސް ކުރަން،" ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެކަން މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރަން އެދޭ ކަމަށެވެ. އަދި ރާއްޖޭގެ ރަށަކުން ނަމަ އެރަށެއްގެ ޕޮލިސް ސްޓޭޝަނަކަށް އަދި ޕޮލިސް ސްޓޭޝަން ނެތް ރަށެއްނަމަ އެރަށެއްގެ ކައުންސިލް އިދާރާ މެދުވެރިކޮށް އެންގުމަށް ވެސް ފުލުހުން އެދިފައިވެ އެވެ.

ފުލުހުން ބުނީ އެފަދަ ފަރާތްތަކާއި ބެހޭ މައުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.