ރާއްޖެ ޓީވީ އަށް ދެ ވަނަ ފަހަރަށް ބަޔަކު ހަމަލާދޭން ރާވަމުންދާ ކަމަށް އެ ޓީވީން ހާމަކޮށްފައި ވާތީ އެކަމާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދުމުން ރާއްޖެ ޓީވީ އިން ފުލުހުން ބޭނުންވި މައުލޫމާތު ދީފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ރާއްޖެ ޓީވީ އަށް ބަޔަކު ހަމަލާދޭން އުޅޭ ކަމަށް ބުނެ އެ ޓީވީ ސްޓޭޝަނުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްދިނުމަށް އެދި ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން ބޭނުންވި އެއްވެސް މައުލޫމާތު ރާއްޖެ ޓީވީން އަދި މިހާތަނަށް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ލިބިފައިވާ ކަމަށް ބުނެފައިވާ އިރު އެފަދަ އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރައްވާ. ރާއްޖެ ޓީވީން ބުނީ ކުރިން ވެސް ހަމަލާދިން މީހުންނޭ ހަމަލާދޭން އުޅެނީ އެއީ އެބޭފުޅުން ދެއްވި މައުލޫމާތަކީ. އެހެންވެ އެއީ އަޅުގަނޑުމެންނަށް މައުލޫމާތު ހިއްސާކުރީ ކަމަކަށް އަޅުގަނޑުމެން ނުދެކެން،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

މީގެ ކުރިން ރާއްޖެ ޓީވީ އަށް ބަޔަކު ދިން ހަމަލާގައި އެ ޓީވީ ސްޓޭޝަންގައި ހުޅުޖަހައި ބޭނުން ނުކުރެވޭ ވަރަށް ވަނީ އަންދައިލައިފަ އެވެ. އެ މައްސަލަ ފުލުހުން މިހާރު ވެސް ތަހުގީގު ކުރަމުން އަންނަ އިރު އެ މައްސަލައިގެ ތުހުމަތުގައި މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ރާއްޖޭޓީގެ ޑެޕިއުޓީ ސިއީއޯ އަބްދުﷲ ޔާމީން މިއަދު ވިދާޅުވީ ފުލުހުންނަށް ރާއްޖެ ޓީވީން ފޮނުވި ސިޓީގެ ޖަވާބުގައި މިހާތަނަށް ދެ ސިޓީއެއް ރާއްޖެ ޓީވީ އަށް ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ސިޓީގައި ޕްރައިވެޓް ސެކިއުރިޓީ ހަމަޖައްސަން ބުނެފައިވާ އިރު ދެ ވަނަ ސިޓީގައި އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށް ބުނެފައިވާ ކަމަށެވެ.

"އެ މައްސަލަ ފުލުހުން ބަލަމުން ގެންދާތީ އެ މައުލޫމާތު ދިނުމަށް އެދި ދެ ނަމްބަރެއް ވަނީ ދީފައި. އަޅުގަނޑުމެން އެ ނަމްބަރަށް ދެ ފަހަރެއްގެ މަތިން ގުޅާފައި މައުލޫމާތު ދިނިން. އަޅުގަނޑުމެން ވަރަށް ރީއްޗަށް ކިޔައިދިނިން އެކަމުގެ އަޑީގައި ތިބީ ކޮން ބައެއް ކަން. ދެން އެކަމުގެ އަޑިއަށް ފީނައިގެން ތަހުގީގު ކުރުމަކީ ފުލުހުންގެ ކަމެއް. އިތުރު ސުވާލެއް ކުރާކަށް އޭގެ ފަހުން ފުލުހުން ނުގުޅާ،" ޔާމީން ވިދާޅުވި އެވެ.

ރާއްޖޭ ޓީވީ އަށް ބަޔަކު ހަމަލާދޭން އުޅޭ ކަމަށް ބުނެ އެ ޓީވީ ސްޓޭޝަނަށް ސެކިއުރިޓީ ހޯދުމަށް ފުލުހުންގެ އިދާރާގައި އެދިފައިވާ އިރު މޯލްޑިވްސް ބްރޯޑްކާސްޓް ކޮމިޝަނުން ވެސް މިއަދު ވަނީ މިހާރު ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަން ހަމައަކަށް އެޅެންދެން އިތުރު ހަމަލާއެއް ނުދެވޭނެ ގޮތަށް ރާއްޖެ ޓީވީގެ ސެކިއުރިޓީގެ ކަންކަން ބަލަހައްޓައި ދިނުމަށް ފުލުހުންގެ އިދާރާގައި އެދިފަ އެވެ.

ރާއްޖެ ޓީވީން ސެކިއުރިޓީ ހޯދަން އެދުމުން ފުލުހުން ބުނީ ވަކިވަކި ތަންތަނުގެ ސެކިއުރިޓީ އަށް މީހުން ބައި ތިއްބައިގެން އެފަދަ ތަންތަން ބެލެހެއްޓުމުގައި ދަތިތަކެއް ހުރި ކަމަށެވެ. ނަމަވެސް ހާއްސަ ސަމާލުކަމެއް ދީގެން އެ ޓީވީ ހުންނަ އިމާރާތާއި އެސަރަޙައްދު ބަލަހައްޓަމުން ގެންދާނެ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ރާއްޖެ ޓީވީ އަށް ބަޔަކު ހަމަލާދިން ފަހުން ރާއްޖެ ޓީވީ ހުންނަ އިމާރާތުގެ ސެކިއުރިޓީ 24 ގަޑިއިރު، އެ ސަރަހައްދުގައި ތިބެގެން ބަލަހައްޓަމުން ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.